ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މަހާޒްއާއި އަޒްމިރަލްދާގެ ސުލޫކީ މައްސަލަ ބެލި އެ ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން އެކުލަވާލި ރިޕޯޓް ބަލައިގަނެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމާފަ އެވެ.
ޖޭއެސްސީ އިން ދެ ފަނޑިޔާރުން ވަކިކުރަން ނިންމުމާ ގުޅިގެން އެ މައްސަލަ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ އެވެ. އެއީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުން ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ އެވެ.
ޖޭއެސްސީ އިން މަޖިލީހަށް ހުށަހަޅައިގެން މީގެކުރިންވެސް ސުޕްރީމް ކޯޓާއި އަދި އެހެން ބައެއް ކޯޓުތަކުގެ ފަނޑިޔާރުންވެސް މަގާމުން ވަކިކޮށްފައިވެ އެވެ.
މައްސަލަ ބަލާ ކޮމިޓީން އެކުލަވާލި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ރިޕޯޓްގައިވަނީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ކުށެއްގެ ތުހުމަތުގައި ބަންދުކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުގެ ބައިވެރިވުމާއެކު އިސްމާއީލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، އިސްމާއީލްގެ ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް މަހާޒުއާއި އަޒްމިރަލްދާ ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނާ އެ މައްސަލައަށް މަހާޒް އާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގުގައި އިންކާރުކުރައްވާފަ އެވެ.
ޖޭއެސްސީ އިން ގެންދަނީ މަހާޒް އާއި އަޒްމިރަލްދާއާ ގުޅޭ ސުލޫކީ އިތުރު މައްސަލައެއްވެސް ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރު ކުރި ދުވަހެއްގައި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހެއްގައި މަހާޒް އާއި އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާއިރު، ޖޭއެސްސީން އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝަކުވާ ހުށަހަޅުއްވައިފަ އެވެ.
ފަނޑިޔާރު މަހާޒްއާއި ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ކުރިން ހުންނެވި ހުސްނުއްސުއޫދުގެ މައްސަލަ ވެސް ޖޭއެސްސީ ބަލަން ފެށި އެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމުން ސުއޫދު ވަނީ ފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.