ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާއި، ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާ އެވެ.
މިއީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މުއައްސަސާގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމާއެކު، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ޕީޖީ އޮފީހުން ދެކެ އެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމަކީ އެ އޮފީހުން ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިއްމު ލަނޑުދަނޑި އެކެވެ.
ޕީޖީ އައްބާސް ވިދާޅުވީ މިއީ ދައުލަތުގެ ހެކިންނާއި އަނިޔާގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިކަން ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ގާއިމުކޮށްފައިވާ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް (ޑަބްލިއުވީއެސްޔޫ)ގެ ވަރަށް ރަނގަޅު އިސްނެގުމެއް ކަމަށެވެ.
"މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމާމެދު ޝައްކެއް ނެތް. މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޓީމަށް ޔޫއެންޑީޕީން ދެއްވި އަގުހުރި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން،" އައްބާސް ވިދާޅުވި އެވެ.
އެންރިކޯ ވިދާޅުވީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އިންވެސްޓްމަންޓަކީ އަދުލު އިންސާފުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެޅިގެންދާ ވަރަށް މުހިއްމު ބިންގަލެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މި ޕާޓްނަޝިޕަކީ އަޅުގަނޑުމެން ގުޅިގެން މުއައްސަސާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ނަމޫނާއެއް. އެކަން މި ފަށަނީ އެކަން ކުރިއަށް ގެންދާ މީހުންނާ އެކުގައި،" އެންރިކޯ ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދިނުމުގެ މަގުސަދަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އަޅާލުމުގެ ސަގާފަތެއް އާލާކުރުމާއި، މުވައްޒަފުންގެ މަސައްކަތާއި، ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމެވެ. އަދި މުވައްޒަފުންކުރާ ގާނޫނީ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުކުރުމެވެ.