ދުނިޔެ

އިޒުރޭލުގެ މައި އެއާޕޯޓް، ބެންގޫރިއަން އެއާޕޯޓް ބަންދުކުރަން ޖެހިއްޖެ

ޔަމަނުގައި ހަރަކާތްތެރިވާ ހޫސީން ފޮނުވި ހައިޕާސޮނިކް މިސައިލެއް އެރުމުގެ ސަބަބުން، އިޒުރޭލުގެ މައި އެއާޕޯޓް -- ބެންގޫރިއަން އެއާޕޯޓް ބަންދުކުރަން މަޖުބޫރުވެއްޖެ އެވެ.

އިޒުރޭލުގެ އޭވިއޭޝަން އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުން ބެންގޫރިއަން އެއާޕޯޓް މިހާރު އޮތީ ބައިނަލްއަގްވާމީ، އަދި މަދަނީ ހުރިހާ ބާވަތެއްގެ މަތިންދާބޯޓުތަކަށް ބަންދުކޮށްފަ އެވެ.

ހޫސީން ފޮނުވި މިސައިލް ވެއްޓުނީ ބެންގޫރިއަން އެއާޕޯޓްގެ ޓާމިނަލް ތިނަކާ ވަރަށް ކައިރިއަށެވެ. މިސައިލް ވެއްޓުނު ތަނުގައި ވަރަށް ބޮޑު އަދި އެހާ ފުޅާ ވަޅުގަނޑެއް ވަނީ ހެދިފަ އެވެ.

މި ހަމަލާގައި ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން އިޒުރޭލުން ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް، ގިނަ ބަޔަކަށް އެކިވަރުގެ -- ކުދި އަނިޔާ ލިބުނު ކަމަށް އެމެޖެންސީ އޮފިޝަލުން ވިދާޅުވި އެވެ.

ބެންގޫރިއަން އެއާޕޯޓަށް ދިން ހަމަލާ އަކީ މަދަނީ ބޮޑު ގެއްލުމެއް ދިނުމަށް ދިން ހަމަލާއެއް ނޫން ކަމަށް ހޫސީން ބުނެ އެވެ. އޭގެ ހަގީގީ ބޭނުމަކީ އެއާލައިންތައް ބިރުގަންނަވާލުން ކަމަށް -- އީރާންގެ މަދަދާ އެކު ޔަމަނުގެ ބޮޑު ބައެއްގައި ވެރިކަންކުރާ ހޫސީން ބުންޏެވެ.

އިޒުރޭލުގެ މައި އެއާޕޯޓަށް ހޫސީން ދިން ހަމަލާގައި ބޭނުންކުރި ހައިޕާސޮނިކް މިސައިލަކީ ފެންވަރު މަތިކޮށްފައިވާ މިސައިލެއް ކަމަށް ހޫސީންގެ އޮފިޝަލުން ބުނެ އެވެ. މިސައިލް ދަތުރުކުރިލެއް ބާރުކަމުން އިޒުރޭލުގައި ބަހައްޓާފައި ހުރި މިސައިލުން ދިފާއުކޮށްދޭ ނިޒާމުތަކަށް މަތަނުކުރުވުނު ކަމަށް ޚަބަރުތައް ބުނެ އެވެ.

ޔަހޫދީ އާބާދީތަކަށް ހޫސީންނާއި ހިޒްބުﷲ އަދި ހަމާސްއިން ފޮނުވާ މިސައިލްތައް މަތަކުރުމަށް އިޒުރޭލުގައި މިސައިލް އައްޑަނަތައް ބަހައްޓާފައި ހުރެ އެވެ.

އެމެރިކާއިން ބަހައްޓައިދީފައި ހުންނަ "ތާޑް މިސައިލް ޑިފެންސް ސިސްޓަމް" އަދި އިޒުރޭލުގެ އަމިއްލަ "އެރޯ މިސައިލް ސިސްޓަމް" އަށް ވެސް ހޫސީންގެ މިސައިލް މަތަނުކުރުވެނު ކަމަށް ޚަބަރުތައް ބުނެ އެވެ. މިސައިލް އައްޑަނަތައް މަސައްކަތް ނުކުރި ސަބަބު ދެނެގަތުމަށް އަސްކަރީ ސާވޭއެއް ފަށާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އިޒުރޭލުގެ އިދިކޮޅު ލީޑާރު ބެނީ ގަންޒް ވިދާޅުވި ގޮތުން ހުރިހާ ވެސް ނުބައެއް ހަދަނީ އީރާން އެވެ. ހޫސީންނަށް މަތީ ފެންވަރުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމާއި ސިފައިން ތަމްރީންކޮށްދެނީ އީރާނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހޫސީންގެ އަތުގައި އެންމެ ޒަމާނީ ފެންވަރުގެ ހަތިޔާރު ހުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ބެނީ ގަންޒް ވިދާޅުވި އެވެ. އިޒުރޭލަށް ގޮންޖަހާ ވަރުގެ ބަޔަކު އެ ސަރަހައްދުގައި އޮތުމަކީ ޔަހޫދީ ދައުލަތް ދެމިއޮތުމަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.