އީރާންގެ ސިޓީއެއް ކަމަށްވާ މަޝްހަދުގައި ހުންނަ ސައިކަލް އުފަދާ ކާރުޚާނާއެއްގައި ބާރުގަދަ އެއްޗެއް ގޮވައި މުޅި ތަން ދުމަށް ބަދަލުވެއްޖެ އެވެ.
އަލިފާން ނިންވާ އޮފިސަލުންނާ ހަވާލާދީ އީރާންގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުން، ކުއްލިއަކަށް އަލިފާންގަނޑު ފެތުރިގަތުމުން ހުޅުގަނޑުގެ އާވިން ގިނަ ބަޔަކަށް ވަނީ ނަފުސާނީ ގޮތުން އަސަރުކޮށްފަ އެވެ.
މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނުކަން އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، ނޫސްތައް ބުނާ ގޮތުން ހުޅުގަނޑު ފެތުރިގަތީ ބަޔަކަށް ގެއްލުން ނުވާ ގޮތަކަށް ނޫނެވެ.
އީރާންގައި މިފަހުން ހަގީގަތް ނޭނގޭ ގިނަ ގޮތުންތަކެއް އަންނަނީ ގޮވަމުންނެވެ.
ދެކުނު އީރާނުގެ ބަނދަރެއް ކަމަށްވާ ޝަހީދު ރަޖާއީގައި އޭޕްރީލް 26 ގައި ބާރުގަދަ އެއްޗެއް ގޮވައި 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި ޚަބަރުގެ ހޫނުކަން އަދިވެސް ނުކެނޑެ އެވެ.
މިއީ ތެޔޮ ފީފާތަކެއް ގޮވުމުގެ ސަބަބުން ގޮވި ގޮވުމެއް ކަމަށް ބަޔަކު ބުނި ނަމަވެސް، ގިނައީ މި ވާހަކަ ގަބޫލުނުކުރާ މީހުންނެވެ.
އީރާންގައި ގޮވުންތަކެއް ގިނަވެފައި މި ވަނީ އެމެރިކާއާ އެކު، އީރާންގެ ނިއުކްލިއާ މަޝްވަރާތަކެއް ކުރިއަށް ދާ ދަނޑިވަޅެއްގަ އެވެ.
އީރާނަށް ކުރިމަތިވާ މި ބާވަތުގެ ހަގީގަތް ނޭނގޭ ހާދިސާތަކުގެ އަޑީގައި ގިނަ ފަހަރު އޮންނަނީ އިޒުރޭލެވެ. ބަޔަކަށް އެއްގޮތަކަށް ވެސް ވިސްނިފައި ނޯންނަހާ މޮޅަށް އިޒުރޭލުން ގައުމުތަކަށް ހަމަލާދެ އެވެ.
މިހެންކަމުން މިއީ ވެސް އިޒުރޭލުގެ ރޭވުމަކަށް ވެދާނެ ކަމަށް މަސްރަހު ދަންނަ މީހުން ބުނެ އެވެ.