( 28 އެޕްރިލް 2025 އާ ގުޅޭ )
"ވާކިފް ހިތްހަމަނުޖެހިގެން ގެއިން ނުކުމެގެން ކޮންމެ ފަހަރަކު އަންނަނީ އަހަރެން ކައިރިޔަށްކަން އެނގޭތަ؟." ސަހާނާގެ އެ ބަސްތައް ރަހާގެ ސިކުނޑި ކަމުންދާ ފަދަ އެވެ. އެ ޚިޔާލުތަކުގައި އޮއްވާ ވާކިފް އޮށޯވެ ރަހާގެ ފުރަގަހުން އައިސް ގާތްވެލިކަމުގެ އިޙްސާސް ކުރެވުނެވެ.
"ލަވް ޔޫ." ރަހާގެ ކޯތާފަތުގައި ބޮސްދެމުން ވާކިފް ބުންޏެވެ.
ނަމަވެސް ރަހާގެ ފަރާތުން ޖަވާބެއް ނައެވެ. އޭނާއަށް ވާކިފްގެ ދުލުން ބޭރުކޮށްލި ބަސްތައް ޤަބޫލުކުރާން ދަތިވަނީ އެވެ. އަނބިމީހާ ދެކެ ލޯބިވާނަމަ އެހެން އަންހެނަކާއި ގުޅުން ބާއްވަފާނެބާ އެވެ. އެކަމަކު އެހެންވާ ލޯތްބަކީ ހަޤީޤީ ލޯބިކަމަށް ރަހާގެ ޟަމީރު އެއްބަހެއް ނުވެ އެވެ.
"އަހަރެން ދެން ދުވަހަކުވެސް ރަހާއަށް އަނިޔާވާނޭ ކަމެއް ނުކުރާނަން. ޤަބޫލުކުރޭ." ވާކިފް މަޑުމަޑުން ބުންޏެވެ.
"ދުވަހަކުވެސް ނުކުރާނަމޭ ބުނާއިރު ވަގުތު ފާއިތުވެއްޖެ. އަހަރެމެންގެ މުސްތަޤްބަލެއް ދެން ނެތް." ރަހާގެ ވާހަކަތައް ފޮރުވިފައިވީ އޭނާގެ ހިތުގެ ތެރޭ އެވެ. އެއްވެސް ވާހަކައެއް ދެއްކުމަށް އޭނާގެ ދޫ ހަރަކާތެއް ނުކުރިތަނުގައި މީހާ އޮތީ ހިމޭންވެފަ އެވެ. ދެ ލޯ މަރާލައިގެން ނިދާފައި އޮތް މީހަކު ފަދަ އިންނެވެ.
* * * * *
ހެނދުނުގެ ވަގުތެވެ. ކޮޓަރި ތެރޭ ހުރި ވާކިފް ތައްޔާރުވަމުން ދިޔައީ އޮފީހަށް ދިއުމަށެވެ. ގަމީހުގެ އަތުކުރީގައިވާ ކަފްލިން އަޅުވާލާފައި ކަރުގައިވި ޓައީ ހެޔޮވަރުކޮށްލި އެވެ. ދެން އެނބުރި އެނދުގައި ނިދިފައި އޮތް ރަހާއަށް ބަލާލި އެވެ. މަޑު ހިނގުމެއްގައި އައިސް ރަހާގެ ގާތަށް ގުދުވެލައި ނިތްކުރީގައި ބޮސްދީފި އެވެ. އެހިނދު ރަހާއަށް ހޭލެވިގެން ލޯ ހުޅުވާލި އެވެ.
"ހޭލެވުނީތަ؟. އަހަރެން ރަހާއަށް ބްރެކްފަސްޓް ތައްޔާރުކޮށްދީފައި ހުންނާނެ. އިތުރަށް ނުނިދަންޏާ ތެދުވެ ފެންވަރާލައިގެން ސައިބޯން އާދޭ." ރަހާގެ ހޭވިފައި ހުރި އިސްތަށިތައް މޫނުމަތިން އެއްފަރާތްކޮށްލަ ދެމުން ވާކިފް ބުންޏެވެ. އޭނާ ދެން އަނެއްކާ ވެސް އައިސް ކައިރިވެލީ ރީތިވާ މޭޒު ކައިރިއަށެވެ. އޭނާގެ ވޮލެޓު ނަގައި ފަޓުލޫނުގެ ޖީބަށް ލަމުން ވާހަކަދެއްކި އެވެ. އޭރު ރަހާ ވެސް ތެދުވެ އެނދުގައި އިށީނދެއްޖެ އެވެ.
"މިއަދު ސޮއިކުރަން ޖެހޭ ކޮންޓްރެކްޓެއް އެބައޮތް. އެކަމުގެ މީޓިން އޮތީމަ ތަންކޮޅެއް ކުރީން އަހަރެން ދާން ޖެހޭ. އެކަމަކު މާދަމާ ރަހާއަށް ޓަކައި ހުސްކޮށްލަން ވިސްނައިގެން މިހުންނަނީ. ރަހާ ގޮވައިގެން ޝޮޕިންއަށް ދާނީ... ޑިނާއަކަށް ދެ މީހުން އެކުގައި ނުދެވޭތާ ވެސް ވަރަށް ދުވަސްވެއްޖެއެއްނު. ރަހާ ބުނެބަލަ. މާދަމާ ލަންޗަކަށް ވެސް ދެވިދާނެ. ކިހިނެއް ހަދާނީ؟. ލަންޗު އޯ ޑިނާ... ރަހާ ދާން ބޭނުންތަނަކަށް. އަހަރެން އަންނަންވާއިރަށް ވިސްނާފަ ބައިންދާ." ހިނިތުންވުމަކާއެކު ވާކިފް ބުންޏެވެ. ރަހާއަށް ފެނުނު މަންޒަރަކީ ހަޤީޤަތެއްކަމާމެދު އޭނާ އިނީ ސުވާލު އުފެދިފަ އެވެ. ލިބިފައިވާ ހައިރާންކަން ފިލުވާލާފައި ރަހާ ހިނިތުންވެލި އެވެ.
"ވާކިފް... އާދެބަލަ." ކައިރިޔަށް އައިސްދިނުމަށް އަތުން ރަހާ އިޝާރާތް ކުރަމުން ގޮވާލި އެވެ.
"ކިހިނެއްވީ؟." އަނބިމީހާގެ ގާތަށް ހުއްޓެމުން ވާކިފް އަހާލި އެވެ. އެއާއެކު ވާކިފްގެ އަތަށް ދަމާލައި އޭނާ ގުދުވެލުމުން ރަހާ ފިރިމީހާގެ ކޮނޑުމަތިން ދެ އަތް އަޅުވާލައި ބައްދާލި އެވެ.
"އަވަހަށް އަންނައްޗޭ." ވާކިފްގެ ގައިގާ ބައްދާލައިގެން އިނދެ ރަހާ ބުންޏެވެ.
"އަހަރެން މަޑުކުރަންވީތަ؟. އާޒިމް ކައިރީ ބުނެފާނަން އެހެން ދުވަހަކަށް ހަމަޖައްސަން." ވާކިފް ވެސް ރަހާއާ ދުރަށް ޖެހިލުމެއްނެތި ބުންޏެވެ.
"ނޫން. އެހެން ހަދާނެކަމެއްނެތް. ވާކިފް ދޭ. އެހެންނޫނަސް އެންމެންނަށް އެނގޭކަމެއް ތީ ވޯކަހޯލިކްއެއްކަން. އޮފީހަށް ނުގޮސް މަޑުކުރާނެކަމެއްނެތް." ވާކިފް ދުރުކޮށްލަމުން ރަހާ ބުންޏެވެ.
"ޔަޤީންތަ؟." ވާކިފް އަހާލި އެވެ. އޭނާއަށް ރަހާގެ ފުށުން ދޭހަކުރާން އުނދަގޫ އަސަރުތަކެއް ފާހަގަވަނީ އެވެ. ރަހާ ބޭނުންވާ ގޮތަކީ ކޮބާކަން ބުނާން އޭނާއަށް ދައްޗެވެ.
"ދެން ނުހުރެ އަވަހަށް ދޭ. ގަޑިއަށް ދާންވާނެ." ރަހާ ބުންޏެވެ.
ވާކިފް ކޮޓަރިން ނުކުތެވެ. ރަހާ އިރުކޮޅަކު އެނދުގައި އިނދެފައި ދެފައި ތަޅުންމައްޗަށް ތިރިކޮށްލި އެވެ. އިސްޖެހިފައި އިނދެ އޭނާ އެނދުން ތެދުވެ އިސް އުފުލާލި އެވެ. އޭރު އޭނާގެ ދެ ލޮލަށް ހޫނު ކަރުނަތައް ބޮނޑިވެ އޮހިގަންނަން ތައްޔާރަށް ހުއްޓެވެ. ރަހާ އައިސް ކޮޓަރީގައި ހުރި ކުޑަދޮރު ހުޅުވާލި އެވެ. ތިރިއަށް ރަހާ ބަލަން ފެށި އެވެ. އޭނާއަށް ގޯތިތެރެއިން މަގަށް ނުކުތް ވާކިފް ފެނުނެވެ. ހިފަހައްޓަމުން އައި ކަރުނަތައް އޭގެ މަޤާމް ދޫކޮށްލީ އެހިނދު އެވެ. އޭނާގެ ހަޤީޤީ އިޙްސާސްތައް ފޮރުވަމުން އައި މޫނުމަތި ވެއްޓިއްޖެ އެވެ. މިހާރު އެ މޫނުން ފާޅުވަނީ ހިތްދަތިކަމުގެ އިންތިހާ އެވެ.
ފެންވަރާލައިގެން ރަހާ ނުކުތްއިރު މީހާ ހުރީ ހަމަޖެހިފަ އެވެ. އޭނާ ސައިބޯން ބަދިގެއަށް އައެވެ. ކާމޭޒުދޮށުގައި އިނދެ ސައިބޮމުން އޭނާ ފޯނާ ކުޅެމުންދިޔަ އެވެ. ރަހާ ވިސްނުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އޭނާ އަމިއްލަ ނަފްސަށް ޓަކައި ނިންމުންތަކެއް ނިންމި އެވެ. އަދި ޑަކްޓަރ ޒަރަކް ފޮނުވާފައި ހުރި މެސެޖުތައް އޭނާ ބަލަން ފެށި އެވެ. ކުރީން އެ މެސެޖުތައް ނުބަލާ ރަހާ ހުރީ ޒަރަކްއާ ވާހަކަދައްކަން ބޭނުންނުވެގެންނެވެ. ޒަރަކްގެ ހިތުގެ އިޙްސާސްތައް އެނގުނީމަ އެވެ.
"ރަހާ އަހަރެން މަޢާފަށް އެދެފިން. ޕްލީޒް ފޯނު ނަގާބަލަ. އަހަރެން ސަމާސާއަކަށްނޫން ރަހާ ކަމުދާ ވާހަކަ ބުނީ. މައި ފީލިންގްސް ފޯ ޔޫ އާ ރިއަލް. އަހަރެންނަށް އެނގޭ ރަހާއަކީ މީހެއްގެ އަނތްބެއްކަން. އެހެންވިޔަސް އަހަރެން ވަރަށް ކެރިގެން މިބުނަނީ. އޭނާއަށްވުރެ ބޮޑަށް އަހަރެން ރަހާއަށް އަޅާލާނަން. ރަހާއާމެދު އޯގާތެރިވާނަން. ތެދުވެރިވާނަން. ވަފާތެރިކަމާއެކު ހުންނާނަން... ރަހާ. އެނގޭ އަހަރެން މިކަހަލަ ވާހަކަދެއްކީމަ ރަހާ ރުޅި އަންނާނޭކަން. އަހަރެންނަށް ޚަބަރެއް ވެބާ. ތިހެން އިގްނޯ ނުކޮށްބަލަ. ޓްރީޓްމެންޓަށް ކީއްވެ ފަރުވާކުޑަކުރަނީ. ކީމޯ ނަގަންޖެހޭ ދުވަސް ޖެހުނުއިރު ކީއްވެ ނައީ. އަހަރެންދެކެ ރުޅި އަޔަސް ފަރުވާ މެދުކަނޑާލާކަށް ނުވާނެއެއްނު. އަހަރެން ބޭނުން ރަހާ ރަނގަޅުވާން. އާދޭސްކުރަން. ކުލިނިކަށް އާދޭ. ޓްރީޓްމެންޓް ކުރިޔަށް ގެންދޭ. ރަހާ ތިވަރަށް ނުރުހޭނަމަ އަހަރެން ދެން ރަހާ ފެންނަ ހިސާބަކަށް ނާންނާނަން. އެހެން ޑަކްޓަރަކާ ރަހާގެ ކޭސް ހަވާލުކޮށްފާނަން."
ޒަރަކް އެކިފަހަރު މަތިން ފޮނުވާފައި ހުރި މެސެޖުތައް ރަހާ ކިޔާ ނިންމާލި އެވެ. އޭނާއަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރަހާ ކުލިނިކަށް ނައިސްފިނަމަ ގެއަށް އަންނާނޭ ކަމުގެ އިންޒާރެއް ވެސް ޒަރަކް ދީފައި އޮތެވެ. އޭރުން ވާކިފްއަށް ވެސް ރަހާއަށް ދިމާވެގެން އުޅޭ ކަންތައް އެނގޭނެ އެވެ. ވިސްނަން އިނދެފައި ޒަރަކްގެ ނަންބަރަށް ރަހާ ގުޅާލި އެވެ.
"ހެލޯ. ރަހާ... ކޮންތާކު؟. މިއަދު އަންނަންތަ؟." ފޯނުކޯލު ނެގިގޮތަށް ޒަރަކް ވާހަކަދެއްކީ ރަހާގެ ކޯލުގެ އިންތިޒާރުގައި އިން މީހަކު ފަދައިންނެވެ. އޭނާގެ އަޑުގައިވީ އަވަސްއަރުވާލުމެވެ.
"ޑަކްޓަރ... ސޮރީ ވަގުތު ބޭކާރުކުރެވުނީމަ. ޑަކްޓަރުންނަކީ ކިހާ ބިޒީބައެއްކަން އެނގޭ. އަހަރެން މިގުޅީ ޓްރީޓްމެންޓް ނަގަން ދެން ނުދާނެ ވާހަކަ ބުނަން." ރަހާ މަޑުމައިތިރިކަމާއެކު ބުންޏެވެ.
"ކީކޭ. ނުވާނެ ތިހެން ހަދައިގެން... އަހަރެން އެއްގޮތަކަށް ވެސް ޤަބޫލެއްނޫން. ރަހާ ކީމޯ ހުއްޓާލިއަކަށް ނުދޭނަން." ޒަރަކްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
"ކީމޯ ނެގުމުގެ ބޭނުމެއްނެތް. އަހަރެންނަށް އެ ވޯކެއް ނުކުރޭ. ކީމޯ ނަގާ ނިންމި ނަމަވެސް އެއްވެސް ޔަޤީންކަމެއްނެތް ދުނިޔޭގައި އަހަރެން ހުންނާނެކަމެއް. އަހަރެންނަކީ މިހާރު ވަރަށް ކުޑަ ދުވަސްކޮޅެއް މެހެމާނެއް. މިވީ ކުޑަ ދުވަސްކޮޅުގައި ޑަކްޓަރ ވެދިން އެހީތެރިކަމަށް އަހަރެން ޝުކުރު އަދާކުރަން. ދެން ބާއްވަނީ... ހިތްހެޔޮ ކުރައްޗޭ. އެންޑް ޓޭކް ކެއަރ އޮފް ޔޯސެލްފް. ބާއި." ރަހާ ބޭނުންވީ ވާހަކައެއް ދައްކާފައި ފޯނުކޯލު ކަނޑާލީ އެވެ. އަދި އޭނާ ޒަރަކްއަށް ގުޅާނޭ ފުރުޞަތެއް ނުދޭން ފޯނު ވެސް ނިއްވާލީ އެވެ.
ދެ ގަޑިއިރެއްހާ ފަހެވެ. ރަހާ ތައްޔާރުވެލައިގެން ކޮޓަރިން ނުކުންނަމުން ދޮރުމަތީ މަޑުކޮށްލި އެވެ. އޭނާ އެ ކޮޓަރިއަށް ވަރަށް ފުން ވިސްނުމަކުން ބަލާލި އެވެ. ކޮޓަރީގެ އެކި ދިމާއަށް އޭނާގެ ނަޒަރު ދަތުރުކުރި އެވެ. އެ ކޮޓަރި ތެރެއިން ރާހާއާއި ވާކިފް ޚިއްޞާވާ އެތައް އެއްޗެއް ފެންނަން ހުއްޓެވެ. ރަހާ މަޑުމަޑުން ކޮޓަރިން ނުކުމެ އޭނާގެ ފަހަތުން ކޮޓަރީގެ ދޮރު ލައްޕާލި އެވެ. އަޅުވާފައި ހުރި އަތްދަބަހުގެ ތެރެ އޭނާ ބަލާލި އެވެ. ވޮލެޓާއި ފޯނުގެ އިތުރުން ޗާޖަރު އޮތެވެ.
"ދިސް ވިލް ޑޫ." އަމިއްލަ ނަފްސަށް ރަހާ ބުނެލި އެވެ. އަދި އެޕާޓްމެންޓް އިން ނުކުންނަން އޭނާ ހިނގައިގަތެވެ. މައި ދޮރާ ހަމައަށް ނާދެވިގެން އުޅެނިކޮށް އެޕާޓްމެންޓްގެ ބެލް އަޅާލި އަޑު ރަހާއަށް އިވުނެވެ. ސުވާލު އުފެދިފައި ހުރެ އޭނާ އަވަސްއަވަހަށް އައިސް ދޮރުހުޅުވާލި އެވެ.
"ޒަރަކް..." ހައިރާންކަމާއެކު ރަހާއަށް ކިޔާލެވުނެވެ.
ދޮރުފަތް ކޮށްޕާލުމާއެކު ޒަރަކް އެޕާޓްމެންޓުގެ ތެރެއަށް ވަނީ އެވެ. އޭނާ ރަހާއާ ދިމާއަށް ބަލާލީ ނުރުހިފައި ހުރި މީހަކު ފަދައިންނެވެ. އޭނާ ދަތްކުނޑިވިކާލާފައި ރަހާއާ ކުރިމަތިލި އެވެ.
"ރަހާ މޮޔަވީތަ؟. އަހަރެން ބިރުގަތްވަރު އެނގޭތަ؟. ހާސްވީވަރު އެނގޭތަ؟." ޒަރަކް ވާހަކަދެއްކީ ނުހަނު ބާރަށެވެ. ރަހާއަށް އެއްޗެކޭ ބުނަން ނޭނގިފައި ހުރެވުނީ އެވެ. އެއާއެކު ދެން ވެސް ވާހަކަދެއްކީ ޒަރަކް އެވެ.
"ކީއްކުރަން ތިއުޅެނީ؟. ޓްރީޓްމެންޓް ހުއްޓާލާފައި ބާއިއޭ ބުނެ ހުރިހާކަމަކަށް ފުރަގަސްދިނުން އެއީ ހައްލުކަމައްތަ ރަހާ ހީކުރަނީ. ގިނަ ދުވަހަކު ދުނިޔެއަކު ނުހުންނާނޭ ބުނަން ރަހާއަށް އެވަރު ޔަޤީންވަނީތަ؟. އެއްވެސް މީހަކަށް ނޭނގޭނެ އެމީހަކު ދުނިޔޭގައި ހުންނާނީ ކިހާ ދުވަހެއްވަންދެންކަން. އެ ވަގުތު އެނގޭ ފަރާތަކީ ހަމައެކަނި ﷲ. އަހަރެމެން އިންސާނުންނަށް އޮތީ ހިތްވަރުކުރުން. ކެތްތެރިވުން. ނޫނީ ރަހާގެ ވިސްނުން ހުރީ އަމިއްލައަށް މަރުވާން ނަފްސު ދޫކޮށްލަންތަ؟. ޔޫ ވޯންޓް ޓު ކޮމިޓް ސޫއިސައިޑް." ޒަރަކްގެ އިންތިހާއަށް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
"ޑަކްޓަރ. ޑޯންޓް ބީ ލައިކް ދިސް..." ރަހާ މަޑުމަޑުން ބުނެލި އެވެ.
"އާން. ރަހާ އަހަރެންނާ މެދު ކޮންމެ ގޮތަކަށް ދުށް ނަމަވެސް އަހަރެންގެ މައްސަލައެއްނެތް. އަހަރެންނަކީ މީހެއްގެ އަނތްބަކަށް އެޕްރޯޗުކުރި ގޮތެއްނެތް މީހެކޭ ހީކުރިޔަސް ވަރިހަމަ... ރަހާ އަހަރެންގެ ބަހަށް އިޙްތިރާމެއް ނުކުރާނެކަން އެނގިއްޖެ. އެހެންވިޔަސް އަހަރެންނަށް ރަހާ ދޫކޮށެއް ނުލެވޭނެ. އަހަރެންގެ ހިތް ބުނި އެ ކޯލާއެކީ ރަހާ މޮޔަކަމެއް ކުރާން އުޅެނީއޭ. އެހެންވެ މިއައީ. ރަހާ ހޯދަން މިގޭ ދޮރު ވައްޓާލަން ޖެހުނުނަމަ އެކަން ވެސް މިއަދު ކުރީމުސް. އަހަރެން ނައިނަމަ ރަހާ ކަންތައް ކުރާނޭ ގޮތެއް އެނގެނީއެއްނޫން. ދުލެއް ނުކުރާނަން. ހިނގާ އަހަރެންނާއެކީ ކުލިނިކަށް. ރެޑީވެގެން ދާން ތިއުޅެނީ އެކަނި އޮވެ މަރުވާން ނޫންކަމެއް ނޭނގެ. އަހަރެންނަށް އާދެވުނުކަން ނަސީބެއް." ޒަރަކް ރަހާގެ އަތުގައި ހިފައި ގެއިން ނެރި އޭނާއާއެކު ގެންދަން އުޅުނެވެ. އެހިނދު ރަހާ އަތް ދަމައިގަތީ ނިކަން ބާރަށެވެ.
"އަހަރެން މަރުވާނެ ތަނެއް އެނގޭނީ އަހަރެންނަށް. ޑަކްޓަރ މިހިސާބަށް އަންނާކަށް ނުޖެހޭނެ. އެތައް ބަލިމީހުންނެއް މިހާރު މިވަގުތު ވެސް ތިބޭނެ ޑަކްޓަރުގެ އެހީތެރިކަމަށް ބޭނުންވެފައި. އެމީހުންނަށް އެހީނުވެ މިތަނަށް ތިއައީ ކީއްކުރަން." ރަހާ ވެސް މިފަހަރު ވާހަކަދެއްކީ ބާރަށެވެ.
"އެހެން އެއްވެސް މީހަކަށްވުރެ އަހަރެންނަށް ރަހާ މުހިންމު. ރަހާއަށް ފަރުވާދޭން ބޭނުންވޭ. މި ނޫނީ ދުވަހަކުވެސް އަހަރެން މިކަހަލަ އެއްޗެއް ނުބުނަން. އަހަރެން ބޭނުމީ ރަހާ ކިޑްނެޕްކޮށްގެން ގެންދަން. ރަހާ ބޭނުންވާ މަންޒިލަކަށް އަހަރެން ރަހާ ގެންގޮސްދީފާނަން. ޕްލީޒް... އެންމެ ރަނގަޅޭ ބުނެބަލަ. ސްޓޮޕް ފައިޓިން ޔޯ ސެލްފް." ޒަރަކް މަޑުމަޑުން ނިކަން އޯގާތެރި އަޑަކުން ވާހަކަދައްކަމުން ރަހާ ގެނެސް އޭނާގެ ދެއަތުގެ ތެރޭ ބޮނޑިކޮށްލި އެވެ. އެހިނދު ރަހާއަށް ވެސް ދެ ލޯ މަރާލަމުން ފުންނޭވާއެއް ދޫކޮށްލެވިއްޖެ އެވެ.
"ބޭރަށް ގޮސް ޒަރަކްއާ ރީތިކޮށް އަހަރެން ވާހަކަދައްކާނަން. އެކަމަކު އިހަށް އަހަރެންގެ ގައިން ދޫކޮށްލަފާނަންތަ؟" އިރުކޮޅަކަށް މަޑުޖެހިލުމަށްފަހު ރަހާ ވާހަކަދެއްކި އެވެ. އެއާއެކު ޒަރަކް ހޫން ލައްވާލާފައި ނިކަން އަވަހަށް ރަހާގެ ގައިން ދޫކޮށްލައިފި އެވެ.
"އަހަރެންގެ ކާރު އޮންނާނެ ތިރީގައި." ޒަރަކް ބުންޏެވެ.
ރަހާ ބޯޖަހާލާފައި އެޕާޓްމެންޓުން ނުކުންނަން ހިނގައިގަތެވެ. ޒަރަކް ވެސް ރަހާއާއެކު ނުކުތީ އެވެ. ދެ ޒުވާނުން ގެއިން ނުކުމެގެން އައިސް ޒަރަކްގެ ކާރަށް އެރި އެވެ. މަޑުކުރުމެއްނެތި ޒަރަކް ކާރު ދުއްވާލީ އެވެ.
"ކޮންތާކަށް މިދަނީ؟." ޒަރަކް އަހާލި އެވެ.
"ވިލިގިއްޔަ." ރަހާ ބުންޏެވެ.
"ކީއްކުރަންތޯ އެތަނަށް ދަނީ އަހާލެވިދާނެތަ؟." ޒަރަކް ބުންޏެވެ. ރަހާ ވާހަކަދެއްކީ ކުޑަވަގުތުކޮޅެއްގެ ހިމޭންކަމަށް ފަހު އެވެ.
"އެކޮޅަށް ބަދަލުވަނީ." ރަހާ ބުންޏެވެ.
"ވަޓް ޑޫ ޔޫ މީން؟. ރަހާގެ ފެމެލީއެއް އެކޮޅުގައި ހުރީތަ؟." ޒަރަކް ސުވާލުކުރި އެވެ.
"އަހަރެން އެކަނި." ރަހާ މަޑުމަޑުން ބުނެލި އެވެ.
(ނުނިމޭ)