އެފްއޭއެމް

ޓީސީ އާއި އޮޑި ސްޕޯޓްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ

އެފްއޭއެމް އިން އިންތިޒާމު ކުރި ހާއްސަ މުބާރާތެއް ކަމަށްވާ ލީގުކަޕް މުބާރާތުގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބް އަދި އޮޑި ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގައި ގޯލެއް ނުޖެހި ދެ ޓީމު އެއްވަރުވެއްޖެ އެވެ.

ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ރޭ ކުޅުނު މި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. މިއީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މި ދެ ޓީމުވެސް ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

ޓީސީ ސްޕޯޓްސް ކުލަބުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު ރަސްމީ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. އަދި އޮޑި ސްޕޯޓްސް ކުލަބުން އެންމެ ފަހުން ކުޅެފައިވަނީ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި ދެވަނަ ޑިވިޝަނުގެ ފައިނަލް ގައެވެ. އެމެޗަކީ އޮޑި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި މެޗެވެ.

ލީގު ކަޕަކީ އެފްއޭއެމްއިން މުބާރާތެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވުމާއެކު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީ އިންތިޒާމު ކުރި މުބާރާތެކެވެ. އެހެންނަމަވެސް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކުން މި މުބާރާތުގައި ބައިވެރިވެފައެއް ނުވެ އެވެ. ބައެއް ކުލަބުތަކުން ބުނެފައިވަނީ މި މުބާރާތުގައި ބައިވެރި ނުވީ ފައިސާ ނެތިގެން ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ކުރިން ތާވަލުކުރި ގޮތަށް ކުރިޔަށް ނުގެންދެވި، ފީފާގެ ލަފާގެ މަތިން މިހާރު އޮތީ އޮގަސްޓް މަހަށް ފަސްކޮށްފަ އެވެ. އެހެންވެ އެފްއޭއެމްގެ ކަލަންޑަރުގައި ނުހިމެނޭ މި މުބާރާތް ބާއްވަނީ އެހާ ދުވަސްވަންދެން މުބާރާތެއް ނެތި އޮވެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ދާން ޖެހިދާނެތީއާއި، ފުޓްބޯޅަ އަލުން ދިރުވުމުގެ ބޭނުމުގައެވެ.

ލީގުކަޕް ފުޓްބޯޅަ މުބާރާތަކީ ގައުމީ ޓީމުގެ ކުޅުންތެރިންގެ ބައިވެރިވުމާއެކު ކުރިއަށްދާ މުބާރާތެކެވެ. އެގޮތުން ގައުމީ ޓީމުގެ އެންމެ ގިނަ ކުޅުންތެރިން ތިބި މާޒިޔާއިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު، ފުރަތަމަ ޑިވިޝަނުގެ ޓީސީއާއި އޮޑީގެ އިތުރުން މި މުބާރާތުގައި ވާދަކުރަނީ ދެވަނަ ޑިވިޝަނުގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މަހިބަދޫ އެވެ.

މިމަހުގެ 28ގެ ނިޔަލަށް ކުރިޔަށްގެންދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.