ރައްޔިތުންގެ މަޖިލިސް

މަޝްރޫއު ނުފެށެނީ 15 ޕަސެންޓް ބަޖެޓުގައި ނުހިމަނާތީ: ޝަފީއު

ސްކޫލުތަކުގެ މަޝްރޫއު ނުފެށި ވަނީ އެކަށީގެންވާ ވަރަށް ބަޖެޓުގައި ފައިސާ ނެތުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވ. ކެޔޮދޫ ސްކޫލުގައި ހަތަރުބުރީގެ އިމާރާތާއި ސްކޫލުގެ ވަށާފާރު ރޭނުމުގެ މަޝްރޫއު މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ނަމަވެސް މަޝްރޫއު ނުފެށުނު ސަބަބާ ގުޅޭ ގޮތުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޝަފީއު ވިދާޅުވީ ކެޔޮދޫ ސްކޫލުގެ މަޝްރޫއު 2024 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި ނަމަވެސް މަޝްރޫއު ފެށުމަށް ބޭނުންވާ ވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައިނުވާ ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރު އެ މަޝްރޫއަށް 1.5 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 2.01 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

މި މަޝްރޫއަށް ޖުމްލަ 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާކަން ފާހަގަކުރައްވާ މިނިސްޓަރު ޝަފީއު ވިދާޅުވީ މަޝްރޫއުގެ ބިޑް ހުޅުވާލައި، ކޮންޓްރެކްޓަރެއް ހޮވާ، އެ ކޮންޓްރެކްޓަރަށް ދޭންޖެހޭ 15 ޕަސެންޓްގެ ފައިސާ ބަޖެޓުގައި ފާއިތުވި ދެ އަހަރުވެސް ހިމަނާފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ ވަރަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ފެށިފަވުމާ އެކުގައި ނަމެއްގައި ޕްރޮޖެކްޓްތައް ނުފައްޓަން. މި ގޮތުން 15 ޕަސެންޓް ނުހިމެނިފަވާ އެއްވެސް ޕްރޮޖެކްޓެއް މިދިޔަ އަހަރުގައި އަޅުގަނޑުމެން ނުފައްޓަން،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވަނީ މި ސަރުކާރުން ފަށާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކެޔޮދޫ ސްކޫލުގެ ޕްރޮޖެކްޓް ހިމެނޭ ކަމަށްވެސް ވިދާޅުވެފަ އެވެ.