ލަ ލީގާ

ސެލްޓަވީގޯ އަތުން ރެއާލް މޮޅުވެ ލީގުގެ ފޯރިގަދަވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަވީގޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-2ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑް މިހާރު 34 މެޗުން 75 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތްއިރު، އެއްވަނައިގައިވާ ބާސެލޯނާއާ ދެމެދު އޮތް ފަރަގު 4 ޕޮއިންޓަށް ކުޑަކޮށްފައިވެ އެވެ. ބާސެލޯނާ މިވަގުތު އޮތީ 79 ޕޮއިންޓާއެކު އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑްގެ ފަރާތުން އެންމެ ފުރަތަމަ ލަނޑު ޖެހީ 33 ވަނަ މިނެޓުގައި އާދާ ގުލާ އެވެ. އޭގެފަހުން ކިލިއަން އެމްބާޕޭ ވަނީ ދެ ލަނޑު ޖަހައި ރެއާލް މެޑްރިޑްގެ ލީޑު 3-0 އަށް ފުޅާކޮށްފަ އެވެ. އެމްބާޕޭގެ ފުރަތަމަ ލަނޑު ޖެހީ ޖޫޑް ބެލިންހަމްގެ އެސިސްޓަކުންނެވެ.

ނަމަވެސް ދެވަނަ ހާފުގައި ސެލްޓަވީގޯއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފަ އެވެ. ހަވީ ރޮޑްރިގޭޒް އަދި ވިލިއޮޓް ސްވެޑްބަގް ވަނީ ސެލްޓަވީގޯއަށް ލަނޑު ޖަހައިދީ މެޗުގެ ވާދަވެރިކަން އިތުރުކޮށްފަ އެވެ. އަދި ސެލްޓަވީގޯގެ ޕަބްލޯ ދުރާންއަށް މެޗުގެ ނަތީޖާ އެއްވަރުކުރުމުގެ ފުރުސަތެއްވެސް ލިބުނެވެ. ނަމަވެސް އޭނާގެ ހަމަލާ ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ޓިބާ ކޯޓުއާ ހުއްޓުވި އެވެ.

ސްޕެނިޝް ލަ ލީގާގައި މި ދެ ޓީމަށްވެސް ބާކީ އޮތީ ހަތަރު މެޗެވެ.

ލީގު ތާވަލުގައި މިދެ ޓީމުގެ ވާދަވެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި އަންނަ ހަފުތާގައި މި ދެ ޓީމު ބައްދަލުކުރާނެ އެވެ. އެ މެޗަކީ ލީގުގެ ނަތީޖާއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ މެޗެކެވެ.