ރައްޔިތުންގެ މަޖިލިސް

ހުޅުމާލޭގައި ދެ ސްކޫލެއްގެ މަޝްރޫއު މި އަހަރު ފަށަނީ

ހުޅުމާލޭގައި ދެ ސްކޫލެއް އިމާރާތް ކުރުމުގެ މަޝްރޫއު މި އަހަރު ފަށަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ފްލެޓްތައް އިމާރާތްކުރާއިރު ހިދުމަތްތަކަށް ބޭނުންވާ އިމާރާތްތަކާމެދުވެސް ވިސްނަންޖެހޭ ކަމަށެވެ.

އެ ގޮތުން ހުޅުމާލޭގެ 7،000 ހިޔާ ފްލެޓް ނިމިގެން ދިޔައިރު އެކަށީގެންވާ ވަރަށް ސްކޫލު އިމާރާތް ނުކުރެވުނު ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެގައި ސިފްކޯ، ޕޮލްކޯ އަދި އެޕޯލޯ ޓަވަރުތައް ކައިރީގައި ސްކޫލެއް ނެތުމުގެ އުނދަގޫ ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ހުޅުމާލޭގައި ގޮންޖެހުންތަކެއް އެބަހުރި. އެ ގޮންޖެހުންތައް ހައްލުކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް. ދެ ސްކޫލު އިރާދަކުރެއްވިއްޔާ މި އަހަރުގައި އަޅުގަނޑުމެން ފައްޓާނަން،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެއް ސްކޫލަކީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ ސްކޫލެކެވެ. އަދި ދެވަނަ ސްކޫލަކީ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ސްކޫލެކެވެ.

މީގެ އިތުރުން މި ސަރުކާރުން ބިންގާ އަޅާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަޝްރޫއު ފެށި 54 ކްލާސް ރޫމް ހިމެނޭ ސްކޫލުގެ މަޝްރޫއު މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިމޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.