ޑރ. އަޒްމިރަލްދާ ޒާހިރު

ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށް އަޒްމިރަލްދާ އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވުމަށް ފުރުސަތެއް ދެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެދިވަޑައިގެންފި އެވެ.

އަޒްމިރަލްދާ މިކަމަށް އެދިވަޑައިގެންފައި މިވަނީ އޭނާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމާ، އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައި ވަނިކޮށެވެ.

މަޖިލީހުގެ ތަޅުމަށް މިމައްސަލަ ހުށަހެޅުމުން މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު 11:00 ޖަހާއިރު ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސް ކުރައްވާ އަޒްމިރަލްދާ މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީ އިން ނިންމީ ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާވެސް ހިލާފަށް ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ގެންދިޔައީ ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށްވެސް ފާހަގަކުރައްވާފައިވެ އެވެ.

ޖޭއެސްސީގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ގަބޫލުކުރައްވާތީ އަޒްމިރަލްދާ އެދިވަޑައިގެންފައިވަނީ ވަކީލަކާ އެކު ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށެވެ.

އަޒްމިރަލްދާ މީގެކުރިން ވަނީ ޖޭއެސްސީ އިން އޭނާގެ ސުލޫކީ މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓަށް ޖަވާބުދާރީވުމަށް ކޮމިޝަނަށް ހާޒިރުވުމަށްވެސް ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. އެކަމަކު ޖޭއެސްސީ އިން އެ ފުރުސަތު ދީފައެއް ނުވެ އެވެ.