މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރު ކަމަށް 23 ނަމެއް، ހުރިހާ ނަމެއް މަޖިލީހަށް ފޮނުވައިފި

Mar 27, 2016
1

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް 23 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު 23 ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު އެ ހުރިހާ ނަމެއް ވެސް ރައީސް މަޖިލީހަށް ފޮނުއްވުމަށް މިހާރު ވަނީ ނިންމަވައިފަ އެވެ. އެހެން ނަމަވެސް ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ މީގެ ކުރިން ވިދާޅުވީ ފޮނުއްވަން ނިންމެވީ ހަ ނަމެއް ކަމަށެވެ. އެހެން ނަމަވެސް ފަހުން މުއާޒު ވަނީ ހުރިހާ ނަމެއް ފޮނުއްވި ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ބްރޯޑްކޮމްގައި މިހާރު ހިމެނޭ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވެ އެވެ.

ބްރޯޑްކޮމްގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައި، ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެއީ މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތަކު ކަމުގައިވުމާއި އުމުރުން 18 އަހަރު ވެފައިވުމާއި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުމާއި ސިވިލް ސަރވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަޞްލަޙަތެއް އޮތް މީހަކު ކަމުގައި ނުވުން ވެސް ހިމެނެ އެވެ.