ރައްޔިތުންގެ މަޖިލިސް

މީކާއީލް ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފި

ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ގޮތަށް ރިޔާސަތުން އަމަލުކުރަމުން ގެންދާ ގޮތާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

މެންބަރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމާއި އަދި މި ކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ.

މީކާއީލް ހުށަހެޅުއްވި ގަރާރުގައި ވަނީ ވަޒީރުންނާ ސުވާލުކުރުމަށް މަޖިލީހުގެ ރައީސް މެދުވެރިކޮށް މެންބަރުން ފޮނުވައިފައިވާ ސުވާލުގެ ނޯޓިހުގެ މުއްދަތު ފާއިތުވެ އެތައް ދުވަހެއް ވީއިރުވެސް އެ ވަޒީރުން މަޖިލީހަށް ހާޒިރުވެ ސުވާލަށް ޖަވާބުދީފައިނުވާ ކަމަށް ބުނެފަ އެވެ.

ވަޒީރާ ކުރެވޭ ސުވާލަށް ޖަވާބު ދެވޭނީ ވަޒީރާ ކުރެވޭ ސުވާލަށް ޖަވާބު ދިނުން މަޖިލީހުގެ ޖަލްސާއެއްގައި އެޖެންޑާ ކުރުމުން ކަމަށާއި ބައެއް ވަޒީރުންނާ ސުވާލުކުރުން މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ނުހިމަނައި މަޖިލީހުގެ ރައީސް ލަސްކުރައްވަމުން ގެންދަވާ ކަމަށް މި ގަރާރުގައި މީކާއީލް ވަނީ ވިދާޅުވެފަ އެވެ.

މި ގަރާރާއި ދެކޮޅަށް 61 މެންބަރުން ވޯޓު ދެއްވިއިރު ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.