ރައްޔިތުންގެ މަޖިލިސް

ނާސްތާ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ އަދަދު 1،000 އަށްވުރެ މަދު

ކުރީ ސަރުކާރުން ފެށި "ނާސްތާ" ޕްރޮގްރާމުގެ ދަށުން މިހާރު ނާސްތާ ދޭ ދަރިވަރުންގެ އަދަދު 1،000 އަށްވުރެ މަދު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ނާސްތާ ޕްރޮގްރާމް ފަށަން އުޅުނުއިރު އެ ޕްރޮގްރާމް ކާމިޔާބު ނުވާނެ ކަމަށް އޭރު ވިދާޅުވެފައިވާނެ ކަމަށެވެ.

"ތައުލީމާބެހޭ ގާނޫނު އައިއިރުގައި ގާނޫނުގައި މި ލިޔަނީ ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭން ވާނެއޭ. މިހާރު ވެސް ގާނޫނުގައި އޮތީ އެހެން. އެހެން ނަމަވެސް އެ ގާނޫނަށް އެ ޕޮއިންޓު ލެއްވި ބޭފުޅުން އަދި މެނިފެސްޓޯގައި އެ ހިމެނުއްވި ބޭފުޅުން ފަހުން ނިންމެވީ ނޫނެކޭ، ބޭނުންވާ ކުއްޖަކަށޭ ދޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހެނދުނުގެ ނާސްތާ މިހާރު ދެމުންދަނީ އެކަމަށް އެދޭ ދަރިވަރުންނަށެވެ.

"ކުރިން 60،000 ދަރިވަރުންނަށް ދިނުމަށް ޕްލޭންކުރެވިފަ، ވިލަރެސް ކުރެވިފަ އޮތް ޕްރޮގްރާމެއް މިހާރު މަދު 100 އެއްހާ ނޫނީ 1،000 އަކަށް ނާރާ ވަރަށް ބޭނުންކުރަނީ،" ޝަފީއު ވިދާޅުވި އެވެ.

އެހެންކަމުން ނާސްތާ ޕްރޮގްރާމަކީ ކޮމިއުނިޓީގައި އެހާ ބޭނުންތެރި ޕްރޮގްރާމެއް ނޫން އޭނާ ވިދާޅުވި އެވެ.

ނާސްތާ ދޭން ވާނެ ކަމަށް ގާނޫނެއްގައި ލިޔެފައި ފަހުން ނާސްތާ ބޭނުންވާ ކުއްޖަކަށް ދޭ ގޮތަށް ކަނޑައެޅުމުން "ވައިލޭޝަން" އެއް އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދައުލަތުގެ ފަރާތުން ދައުލަތަށް ލާޒިމުކޮށްފަ ދެން ބުނެގެން ނުވާނެ ނޫނެކޭ ބޭނުންވިއްޔާއޭ މިކަން ކޮށްދޭނީ،" ޝަފީއު ވިދާޅުވި އެވެ.

ތައުލީމާބެހޭ ގާނޫނުގެ އިސްލާހު މަޖިލީހަށް ހުށަހަޅާއިރު އެކަމަށް ރިއާޔަތްކުރަން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.