ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި

Mar 27, 2016
3
  • ވޯޓަށް އަހަން އޮތީ އަންގާރަ ދުވަހަށް އެޖެންޑާކޮށްފައި
  • މައްސަަ ފާސްވާން 43 ވޯޓް ބޭނުވޭ
  • މައްސަލަ ވެއްދީ 19 މެންބަރުން ސޮއިކޮށް

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަށް އަހަން އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށް އިދިކޮޅު ފަރާތްތަކުން އެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު މިއަދު ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްނުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެ މައްސަލަ އަނބުރާ ގެނައުން ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން، "އަވަސް" އިން ސުވާލު ދެންނެވުމުން ނިހާން ވިދާޅުވީ އެ މައްސަލަ އިދިކޮޅު ފަރާތްތަކުން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި މާދަމާ މަޖިލީހުގައި އެކަން އިއުލާން ކުރާނެ ކަމަށް އެނގިފައިވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އެހެން ނަމަވެސް މައްސަލަ ގެނައި ސަބަބެއް ސާފެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް ކަމަށް މައްސަލަ ވެއްދީ 19 މެންބަރުންގެ ސޮޔާ އެކު އެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެޖެންޑާ ކޮށްފައި އޮތީ އަންނަ އަންގާރަ ދުވަހުގެ ޖަލްސާއަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާތު ނެތް ކަމަށް ފާސްކުރަން 43 ވޯޓް ބޭނުންވެ އެވެ. އިދިކޮޅު ފަރާތްތަކަށް އެންމެ ގިނަވެގެން ވެސް ލިބޭނެ ކަމަށް ލަފާ ކުރެވެނީ 26 ވޯޓެވެ. ޖުމްހޫރީ ޕާޓީގައި ތިއްބެވި ސަރުކާރަށް ތާއީދު ކުރާ ބޭފުޅުންނާ އެކު މަޖިލީހުގައި ތިއްބެވި ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު 59 އަކަށް މިހާރު އަރަ އެވެ. އެހެންވެ އެ މައްސަލައިގައި ވޯޓަށް އެހި ނަމަވެސް، އިތުބާރު ނެތް ކަމަށް ފާސްވުމުގެ ފުރުސަތެއް އެއްގޮތަކަށް ވެސް ނެތެވެ.

ނިހާން ވިދާޅުވީ އެކަން އެނގޭ އިރުވެސް އިދިކޮޅު ފަރާތްތަކުން މައްސަލަ ވައްދަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ސިޔާސީ ގޮތުން ކޮންމެވެސް ކަންތައްތަކެއް ރާވައިގެން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ގަރާރުތަކާއި ކުއްލި މައްސަލަތައް ވެސް ވައްދަނީ އެއްވެސް އިހުލާސްތެރި ކަމެއް ނެތި ކޮންމެވެސް ސިޔާސީ ކުޅިގަނޑެއް މަޖިލީހުގެ ތެރޭގައި ކުޅެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކަށް އެތައްލަ ލައްކަ ރުފިޔާއެއް ބަޖެޓް މަޖިލީހަށް ހަރަދު ކުރަން ޖެހޭ އިރު މިއީ އެންމެ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ހުޅުމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް ކަންކަން ކުރައްވަމުން ގެންދިޔުމުން މަޖިލީހުގެ ކަރާމާތާއި ޝަރަފަށް ހުތުރު ނަން ލިބޭ ކަމަށް ވިދާޅުވެ އެވެ. މީގެ އިތުރަށް، މަޖިލީހުގެ އުސޫލުތަކާ ހިލާފަށް ސަރުކާރުން ބުނާހާ ކަމެއް ކުރުމަށް ޖާގަ ދެއްވުމުގެ ސަބަބުން މަޖިލީހުގެ ނިޒާމު ގެއްލި ބޮޑެތި ހަމަނުޖެހުންތައް ހިނގައި މަޖިލީހުގެ އުސޫލުތައް އެކީ ނެތިގެން ގޮސްފައި ވަނީ މަޖިލީހުގެ ރައީސްގެ ސަބަބުން ކަމަށް ރޮޒައިނާ ހުށަހެޅުއްވި މައްސަލައިގައިވެ އެވެ. އެ މައްސަލަ އޭނާ ނިސްބަތްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ތިއްބެވި ސަރުކާރާ ދެކޮޅު މެންބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ.