އިންޑިއާ އާއި ޕާކިސްތާން ސުލްހަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމަކަށް މެލޭޝިއާ ތައްޔާރު ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ އަވައްޓެރި ދެ ގައުމު ހަނގުރާމައަކުން ސަލާމަތްކުރުމަށް މެލޭޝިއާއަށް ވެސް ކޮންމެވެސް ކަމެއް ކުރެވިދާނެ ކަމަށެވެ.
އިންޑިއާއާ ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި ހަމަލާ ބަދަލުކުރާ ހިސާބަށް ގޮސްފައި މިވަނީ، ކަޝްމީރުގެ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެންނެވެ.
ޕަހަލްގާމް އަކީ ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެކެވެ. ހަތިޔާރުއެޅި ގުރޫޕަކުން މެއި 22 ގައި މި އަވަށަށް ވަދެގަނެ ބަޑިން ހަމަލާދީ 26 މީހަކު ވަނީ މަރާފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ. ޚަބަރުތައް ބުނާ ގޮތުން 25 މީހުން ނިސްބަތްވަނީ އިންޑިއާ އަށެވެ. ދެން ހިމެނެނީ ނޭޕާލު މީހެކެވެ. މަރުވި 26 މީހުންނަކީ ވެސް ފިރިހެނުންނެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށް ފޯނުކުރައްވައި، ދެ ގައުމު ސުލްހަކުރުމަށާއި މިނިވަން ތަހުގީގަކަށް މެލޭޝިއާ އެހީތެރިވެދެއްވާނެ ކަމަށް އަންވަރު ވިދާޅުވި އެވެ. ހަމަލާދިން މީހުން ހޯދައި އަދި އަޑީގައި ތިބި މީހުން ދެނެގަނެވިގެން ނޫން ގޮތަކަށް މިފަދަ އަނިޔާވެރި ހާދިސާތައް ތަކުރާރުވުން ނުހުއްޓުވޭނެ ކަމަށް ބޮޑުވަޒީރު އަންވަރު ވިދާޅުވި އެވެ.
އިންޑިއާއާ ޕާކިސްތާން ސުލްހަކުރުމަށް އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވެސް މިހާރު ހުންނެވީ އިސްލާމްއާބާދުގަ އެވެ. ޚަބަރުތައް ބުނާ ގޮތުން އިންޑިއާ އަދި ޕާކިސްތާންގެ ވެރިންނާ ވެސް އައްބާސް މަޝްވަރާކުރައްވާނެ އެވެ.
ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުނާ ގޮތުން އައްބާސް ބައްދަލުކުރައްވާ ބޭފުޅުންގެ ތެރޭގައި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ، ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، އަދި ޚާޜިޖީ ވަޒީރު އިޝްހާގް ދާރު ހިމެނެ އެވެ.
ޕާކިސްތާނަށް ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އައްބާސް ވަނީ ނިއުދިއްލީއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާއާ ޕާކިސްތާންގެ ނުތަނަވަސްކަމަށް އަލިއަޅުވާލައްވައި އައްބާސް ވަނީ މީގެ ކުރިންވެސް ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާ އަދި ޕާކިސްތާން އަކީ ވެސް އީރާނަށް ވަރަށް މުހިންމު ދެ ގައުމެވެ. މި ދެ ގައުމު ތަޅާފޮޅަށް ފުރުސަތު ދިނުމަކީ އީރާނަށް ހިތާމަވެރި ކަމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.