ތެލަސީމިއާ ބަލި

ތެލެސީމިއާ ކުދިންގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭނެ: ރައީސް

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް މި ސަރުކާރުން ދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތެލަސީމިއާ ކޮމިއުނިޓީއާއެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރުން އެ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އަދި އެބޭފުޅުން ވަނީ އިތުރަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން ތަރައްގީކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށް ގެންދިއުމަށް ވީހާވެސް ބޮޑަށް، އެބޭފުޅުންގެ މަޝްވަރާއާއި ހިޔާލާއި ތަސައްވުރާ އެކު ކުރިއަށް ގެންގޮސްދިނުމަށް އެދިފަ އެވެ. އަދި ތެލަސީމިއާއާއި ގުޅޭ ނިންމުމެއް ނިންމަވާނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނިގެންދާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދިނުމަށްވެސް އެދުނެވެ.

މި ބައްދަލުކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީއިން ވަނީ މޯލްޑިވްސް ބްލަޑް ސާވިސްއިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމަށްވެސް އެދިފަ އެވެ. އަދި އެބޭފުޅުން ވަނީ އެމްބީއެސްގެ ހިދުމަތް ވިލަރެސްކޮށް މުޅި ރާއްޖެއަށް ދެވޭނެ ގޮތަށް ފުޅާކުރުމަށާއި ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތްކޮށްދިނުމަށްވެސް އެދިފަ އެވެ.

މިބައްދަލުކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރަކުން ތެލެސީމިއާ ކުދިންނަށް ހާއްސަކޮށް މެނިފެސްޓޯގައި ކަންކަން ހިމަނައިގެން ކުރިއަށްދާ ސަރުކާރަކީ މި ސަރުކާރުކަން ފާހަގަކުރައްވާފަ އެވެ. އަދި ތެލެސީމިއާ ކުދިންނާ ގުޅޭ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީން ފާހަގަކުރި ކަންކަން ވަރަށް ރަނގަޅަށް، ސަމާލުކަން ދެއްވައިގެން ބައްލަވާނެ ކަމަށެވެ. އަދި ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ގަބޫލުކުރައްވާކަމުގައި ފާހަގަކުރައްވައި، އެކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ހުރިހާ ކަންކަމަކީވެސް ވަރަށް ބޭނުންތެރިން މުހިއްމު ކަންކަން ކަމަށާއި އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.