މޯލްޑިވްސް ޕޮލިސް ސާވިސް

މަރުތައް ތަހުގީގު ކުރާ ޔުނިޓްގެ ވެރިޔާ ސާމިހް ވަކިކޮށްފި

ފުލުހުންގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް މަގާމުން ވަކިކޮށްފި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ސާމިހް ކުރިން ހުރި މަގާމުން ވަކިކޮށް މިހާރު ވަނީ ތަހުގީގުތަކުގެ ފެންވަރު ބަލަން ކަނޑައަޅާފައި އޮންނަ ޑިޕާޓްމަންޓަށް ބަދަލުކޮށްފަ އެވެ.

ސާމިހްގެ މަސްއޫލިއްޔަތުތަކަށް ގެނައި ބަދަލާ ގުޅޭގޮތުން ފުލުހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މާލޭގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި މުޒާހަރާ ކުރަމުންދާ ޒުވާނުން ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި ސާމިހް މަގާމުން ވަކިކުރުން ހިމެނެ އެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ދޮގު ހަދާ ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރާއިރު މިމައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.