ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ މީޑިއާއިން ގާނޫނާ ހިލާފުވަމުންދާ ކަމަށް ބުނެ މައްސަލައެއް

ދައުލަތުގެ މީޑިއާއިން ތަކުރާރުކޮށް ގާނޫނާ ހިލާފުވަމުންދާ ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޕަބްލިކް ސާވިސް މީޑީއާގެ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ ރާއްޖޭގެ އެންމެހާ ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމި އޮތުން އެއީ ބަންޑާރަ މީޑިއާގެ މަގުސަދުތަކުގެ ތެރެއިން މަގުސަދެއް ކަމަށެވެ.

އެ ގޮތުން ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ތެރޭގައި ދީނީ، އިގުތިސާދީ، އިޖުތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތް ކުރުމާއި ދިވެހިންނަށް މުހިންމުވާނެ ބައިނަލްއަގުވާމީ އެކި ކަންކަމާއި ގައުމީ އެކި ކަންކަމުގެ ޚަބަރާޢި މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށް މެންބަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ދައުލަތުގެ މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުން މަސައްކަތް ކުރަންވާނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށާއި ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން ދައުލަތުގެ މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވެ އެވެ.

މެންބަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބެލުމެއް ނެތި ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި ދީނީ، އިގުތިސާދީ، އިޖުތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތާއި ގައުމީ އެކި ކަންކަމުގެ ޚަބަރާޢި މައުލޫމާތާޢި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދެމުން ނުދާ ކަމަށެވެ.

ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުނުކޮށް ވަކި ބަޔަކަށް ފުރުސަތުދީ ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގާލައި ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެ ނޫންވެސް ޒާތީ މަސްލަހަތެއް ހިޔާމަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމަކީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާ ހިލާފަށް އެތަނުގެ މެނޭޖްމަންޓުން ހިންގަމުންގެންދާ ކަންކަން ކަމަށްވެސް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުުވެފައިވެ އެވެ.