ރައްޔިތުންގެ މަޖިލިސް

"އެއްބަސްވުންތައް ހާމަނުކުރެވެނީ ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް ހުރުމުން"

އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުންތައް ހާމަނުކުރެވި ވަނީ ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް ހުރުމުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުންތައް ހާމަ ނުކުރެވިގެން އުޅޭ ސަބަބާއި ގުޅޭ ގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ތި އިޝާރާތްކުރެއްވި އެއްބަސްވުންތައް އަދާހަމައަށް ހާމަ ނުކުރެވި އޮތް ސަބަބަކީ ދިވެހި ދައުލަތާއި އިންޑިއާއާ ދެމެދު ސޮއި ކުރެވިފަ ހުރި އެއްބަސްވުންތަކުގެ ތެރޭގައި އެ އެއްބަސްވުންތަކުގެ ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް ހިމެނިފަ ހުރުމުން،" ޣައްސާން ވިދާޅުވި އެވެ.

ޣައްސާން އިތުރަށް ވިދާޅުވީ ރާއްޖެއަށް 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން މިހާތަނަށް ރާއްޖެ އާއި އިންޑިއާއާ ދެމެދު 100 އަށްވުރެ ގިނަ އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ޑިފެންސް މިނިސްޓްރީއާ ގުޅޭ ހަތަރު އެއްބަސްވުން ހިމެނޭ ކަމަށެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ގެއްލުމެއް ނުވާ ގޮތަށް އެއްބަސްވުންތައް ބަދަލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.