ސީއެމްބިއުލާންސްގެ އިތުރު 10 ލޯންޗް މި އަހަރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އަވަސްކަމާއެކު ސީއެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"ސަބަބަކީ އުޅަނދުތައްވެސް ހުރީ ބާވެފަ. އުޅަނދުތައް މިހާރު ބޭނުންވާ ވަރަށްވުރެ މަދު،" ޣައްސާން ވިދާޅުވި އެވެ.
އެހެންކަމުން ސީއެމްބިއުލާންސްގެ އިތުރު 10 ލޯންޗް ހޯދުމުގެ މަސައްކަތް މި އަހަރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސީއެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމުގައި މިހާރު އަމަލުކުރާ އުސޫލުގެ ދަށުން އާސަންދައިން އެޕްރޫވް ލިބުމާއެކު އެމްއެންޑީއެފްގެ ފަރާތުން ސީއެމްބިއުލާންސްގެ ހިދުމަތް ދޭން ފައްޓާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.