އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އިންޑިއާއަށް ވަޑައިގަންނަވަނީ އެވެ.
މި ދަތުރަށް އަދި ތާރީހެއް ކަނޑައަޅާފައި ނެތް ނަމަވެސް ރަޝިއާގެ ރިޔާސީ ގަނޑުވަރު -- ކްރެމްލިން އިން ވަނީ ޕޫޓިން ދައުވަތު ގަބޫލުކުރެއްވިކަން ކަށަވަރުކޮށްދީފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕޫޓިން އިންޑިއާއަށް ވަޑައިގަންނަވާނީ ކޮންމެ އަހަރަކު އިންޑިއާގައި ބާއްވާ -- އިންޑިއާ، ރަޝިއާގެ އަހަރީ ސަމިޓާ ދިމާކޮށެވެ
އިންޑިއާ، ރަޝިއާ އަކީ ދުނިޔޭގެ ސިޔާސަތުގައި ބާރުގަދަ އަދި އެހައި ނުފޫޒުގަދަ ދެ ގައުމެވެ. އެމެރިކާ އަށާއި ޔޫރަޕަށް ނުތަކާ އެއްބާރުލުމެއްގައި މި ދެ ގައުމުން ވަނީ އިގުތިސާދީ އަދި އަސްކަރީ ގުޅުމަކުން ގުޅި ބަނދެވިފަ އެވެ.
ދުނިޔެއަށް ދިމާވާ ބޮޑެތި ހުރިހާ ކަމެއްގައިހެން، އިންޑިއާ، ރަޝިއާ އޮންނަނީ އެކުގަ އެވެ.
ދުނިޔެއަށް ދިމާވި ކޮވިޑްގެ ހާލަތުގައިވެސް ރަޝިއާއާ އިންޑިއާ ގުޅިގެން ދުނިޔެއަށް ބޮޑެތި އެހީތަކެއް ވަނީ ފޯރުކޮށްދީފަ އެވެ. އަދި އިންޑިއާ އަކީ އަވައްޓެރި ގައުމުތަކަށްވެސް ވަރަށް ބޮޑަށް އަޅާލައި އެކުވެރިކަން ދެމެހެއްޓި ގައުމެކެވެ.
ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި، ރަޝިއާއާ އެކު ވަރަށް ގާތް ގުޅުމެއް ވަނީ ގާޢިމުކުރައްވާފަ އެވެ. އަދި ވަކިން ހާއްސަ ގުޅުމެއް މޯދީއާ ޕޫޓިންއާ ދެމެެދު އޮވެ އެވެ.