ރައީސް މުހައްމަދު ނަޝީދު

ނަޝީދަށް ދިން ހަމަލާއަށް 4 އަހަރު: އިންސާފު ނުލިބޭތީ ކަންބޮޑުވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުންމިނަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދައި އިންސާފު ކަށަވަރުކޮށްދިނުމަށް ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.

މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވަނިކޮށް އަވަހާރަކޮށްލަން ބޮމުގެ ހަމަލާދިންތާ 4 އަހަރު ފުރުނު ދުވަހެވެ.

މި ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވުމާ ގުޅިގެން 16 ގަޑިއިރުގެ ދިގު ސާޖަރީއެއް އޭޑީކޭ ހޮސްޕިޓަލްގައި ކޮށްފައިވެ އެވެ. އަދި އޭގެ ފަހުން ރާއްޖެއިން ބޭރުން އެތައް ދުވަހެއް ވަންދެން ފަރުވާ ހޯއްދަވާފައިވެ އެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ ބޮމުގެ ހާދިސާއަށް ހަތަރު އަހަރުވީއިރު އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ކުށަށް އިއުތިރާފްވީ އެންމެ މީހެކެވެ. އޭނާގެ މައްޗަށް ކުށް ސާބިތު ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ. ނަމަވެސް މިމައްސަލައިގައި އޭގެފަހުން އިތުރު އެއްވެސް މީހެއްގެ މައްޗަށް އަދި މިހާތަނަށް ކުށެއް ސާބިތުކުރެވިފައެއް ނުވެ އެވެ. ހަމަލާދިނުމުގެ އަޑީގައި އިތުރު އެއްވެސް ފަރާތެއް ވާކަން ތަހުގީގަށް ހޯދިފައެއްވެސް ނުވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މީގެ ކުރިން މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައިވެސް ވިދާޅުވި އެވެ. ނަމަވެސް އެއަށްފަހު އެކަމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތް ކަމަށްވެސް ޑިމޮކްރެޓުން ބުންޏެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް މިނިސްޓަރު ޣައްސާން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ތަހުގީގު އިތުރަށް ކުރިއަށް ގެންދަން އެއްވެސް ފަރާތަކުން އަންގާފައި ނުވާތީ އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށެވެ.

ޑިމޮކްރޓުން ބުނީ ނަޝީދަށް ހަމަލާއަކީ ދުރާލާ ރޭވި އިންތިޒާމުވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއް ކަމަށްވީ ނަމަވެސް އަދި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިން އެންމެ ސީރިއަސްކަން ބޮޑު އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅުއަޅައި އަމަލުކުރުމަށް ހަމަޖެހިފައިވާ ކުށަކަށްވާއިރު ކަމުގެ ސީރިއަސްކަން މިހާރު ގެއްލުވާލާފައިވާ ކަމަށެވެ.

"މި މައްސަލާގައި އިންސާފު ގާއިމުނުކުރެވިވާވުމުގެ އަސްލަކީ ވެސް މިއީކަމުގައި ދެކެމެވެ." ބަޔާނުގައިވެ އެވެ.