ހަބަރު

އިސްލާމިކް ފައިނޭންސް ސެންޓަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި

އިސްލާމިކް ފައިނޭންސް މެދުވެރިކޮށް ފައިސާ ހޯދަން ސަރުކާރުން އުފެއްދި ކުންފުނި، އިސްލާމިކް ފައިނޭންޝިއަލް ކޯޕަރޭޝަން (އައިއެފްސީ) ގެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހު ކޮށްފި އެވެ.

މިއަދު ފައިނޭންސް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރަންސްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މިއަދު އިފްތިތާހު ކުރި ސްޓްރެޓެޖިކް ޕްލޭން ބޮޑަށް އަމާޒުކޮށްފައިވަނީ އިސްލާމިކް ފައިނޭންޝިއަލް ސެންޓަރު އުފެއްދިތާ ފުރަތަމަ ދެ އަހަރުތެރޭގައި ރާއްޖޭގެ މާކެޓުން ފަންޑު ރެއިޒް ކުރުމަށްފަހު ބައިނަލްލަގުވާމީ މާކެޓައް ދިއުމަށް ފަރުމާކުރަން ޖެހޭ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތާއި އެއާ ގުޅުން ހުރި މަސަައްކަތްތައް ކަމަށެވެ.

މުނީޒާ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ސެންޓަރެއް ގާއިމްކޮށް ބައިނަލަލަގުވާމީ ފެންވަރެއްގައި އިސްލާމިކް ފައިނޭންސް ފުޅާ ކުރުމުގެ މަސައްކަތް ފަށައިފަވާ އިރު މިއަދު އިފްތިތާހު ކުރި ސްޓެޓަޖިކް ޕްލޭން އެކުލަވައިލީ ދުރާލައި ރާވައިގެން ދުނިޔެ ފެންވަރުގެ ކޮންސަލްޓޭޝަންތައް ހޯދައިގެން ކަމަށެވެ.

އިސްލާމިކް ފައިނޭންޝިއަލް ސެންޓަރާބެހޭ ގޮތުން ތަފްސީލް ދެއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ އިރު ގިނަ ބަޔަކަށް އުންދަގޫވާ ކަމަކީ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށާއި އެގޮތުން އިސްލާމިކް ފައިނޭންސް ސެންޓަރު މެދުވެރިކޮށް ރާއްޖޭގެ އިންވެސްޓަރުންނާއި ރާއްޖެއާ ގުޅުން ހުރި އެހެން އިންވެސްޓަރުންވެސް މި ސެންޓަރުންނަށް ވެސް ފައިސާ ލިބުމުގެ މަގުތަނަވަސް ވެގެންދާނެ ކަމަށެވެ.

"ސައުދީއަށް އަޅުގަނޑު ކުރެއްވި ދަތުރުގައި އައިޑީބީގެ ރައީސްއާއި ބައްދަލު ކުރައްވައި އެކުންފުނީ ފަރާތުން އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފަ. އަދި ވަރަށް އަވަހަށް އެތަނުގެ ފަރާތުން ކަމާ ބެހޭ ފަންނާނެއް ރާއްޖެ ވަޑައިގަންނަވާނެ. ސައުދީ ފައިނޭންސް މިނިސްޓަރު ވެސް ވަނީ މިކަމުގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ،" ޖިހާދު ވިދާޅުވި އެވެ.