އެޗްޕީއޭ

ޑެންގީ ޖެހިގެން ރިޕޯޓްކުރުން އިތުރުވާތީ ސަމާލުވުމަށް އެދިއްޖެ

ޑެންގީ ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އިތުރުވެފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑެންގީ ޖެހިގެން މިދިޔަ މަހު ރިޕޯޓް ކުރި އަދަދު ވަނީ އާދަޔާ ހިލާފަށް މަތިވެފަ އެވެ. ޑެންގީ ޖެހިގެން މިދިޔަ މަހު އެކަނި 124 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

މިއަހަރުގެ އެހެން މަސްތަކަށް ބަލާއިރު ޑެންގީ ޖެހިގެން ޖެނުއަރީގައި 75 ކޭސް، ފެބްރުއަރީގައި 80 ކޭސް އަދި މާޗްގައި 73 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ޑެންގީ ޖެހިގެން މިއަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. ދެން އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ރ. އަތޮޅު އަދި އއ. އަތޮޅުންނެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެ އެވެ.

ޑެންގީ ފަތުރާ މައިގަނޑު އެއްޗަކީ މަދިރި ކަމަށްވާތީ މަދިރި އާލާވާ ތަންތަން ނައްތާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.