ބާ ކައުންސިލް

ކަންބޮޑުވުންތަކާއެކު ބާ ކައުންސިލުން ޖޭއެސްސީއާ ބައްދަލުކުރަން އެދިއްޖެ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައާއި ގުޅިގެން ބާ ކައުންސިލުން، ޖޭއެސްސީއާ ބައްދަލުކުރަން އެދިއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީ އިން ހިންގި ތަހުގީގާ ގުޅޭ ގޮތުން ބާ ކައުންސިލްގެ ކަންބޮޑުވުންތައް ހާމަކޮށް އެ ކައުންސިލުން ވަނީ ޖޭއެސްސީއާ ބައްދަލުކުރަން އެދިފަ އެވެ.

ބާ ކައުންސިލުން ބުނީ ޖޭއެސްސީގެ ތަހުގީގާ ގުޅޭ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި މަޝްވަރާ ކުރުމަށް ޖޭއެސްސީގައި ރަސްމީކޮށް އެދިފައިވާނެ ކަމަށެވެ.

ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީން ފަށާފައިވަނިކޮށް، ބާ ކައުންސިލުން ވަނީ އެ ކޮމިޓީއާ ބައްދަލުކުރުމަށްވެސް އެދިފަ އެވެ.

އެކަމަށް އެދި ބާ ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މައްސަލައިގައި ގޮތެއް ނިންމުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްދިނުމަށް އެދުމުގެ އިތުރުން މި މައްސަލައިގައި ބާ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކުގެ ތަފްސީލްތައް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާ ބައްދަލުކޮށް ހިއްސާކުރުމުގެ ފުރުސަތަކަށް އެދޭ ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވީ އާދިއްތަ ދުވަހު އެވެ. މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހޯމަ ދުވަހު ހުށަހެޅުމަށްފަހު، ކޮމިޓީއަށް ފޮނުވާފައިވާއިރު ކޮމިޓީ މަރުހަލާވެސް ވަނީ ފަށާފަ އެވެ.

ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

ފަނޑިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފް އެވެ. މީގެތެރެއިން ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ މެންބަރެކެވެ.

މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ތުހުމަތު ކުރީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށެވެ. ނަމަވެސް މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ.