އުރީދޫ

އުރީދޫ އާއި އެމްއެމްޕީއާރްސީ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަނީ

އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫގެ އޮޕަރޭޓިން ކުންފުނިތައް މެދުވެރިކޮށް ރާއްޖެ ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ގްރޫޕް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ އާއި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.

މިއީ އުރީދޫ ގްރޫޕްގެ ބައިނަލްއަގްވާމީ ފުޓްޕްރިންޓް ބޭނުންކޮށްގެން "ވިޒިޓް މޯލްޑިވްސް" ބްރޭންޑް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ އިން ބުނީ މި ޕާޓްނާޝިޕް މެދުވެރިކޮށް، އޭޝިއާ އާއި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މުހިންމު މާކެޓުތަކުގައި އެމްއެމްޕީއާރުސީގެ ގްލޯބަލް ޑެސްޓިނޭޝަން މާކެޓިން މަސައްކަތްތަކަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލް ކަމަށްވާ ރާއްޖެ އިޝްތިހާރު ކުރުމުގައި އެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

"އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާއި އެކު، އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ދެވަނައެއްނެތް މި ރީތިކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމަށް ބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން," ހާލިދް ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ އުރީދޫއާއެކު ސޮއިކުރެވުނު ޕާޓްނާޝިޕްގެ ސަބަބުން ދުނިޔޭގެ މުހިންމު މާކެޓުތަކުގައި ރާއްޖޭގެ ނަން އިސްތިހާރުކުރުމަށް އާ މަގުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ.

"ބައިނަލްއަގްވާމީ ގިނަ މާކެޓުތަކުގައި އުރީދޫގެ ވަރުގަދަ ނެޓްވާކު ހުރުމަކީ އަޅުގަނޑުމެންގެ ބްރޭންޑް ވިޒިބިލިޓީ ހަރުދަނާކޮށް ރާއްޖެއަށް ގިނަ ޓޫރިސްޓުން ގެނައުމަށް ލިބޭ އަގުހުރި ފުރުސަތެއް،" ޝިއުރީ ވިދާޅުވި އެވެ.

މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން ސްޓްރެޓެޖިކް ކޯލަބްރޭޝަންގެ ޒަރިއްޔާއިން ޤައުމީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ. އަދި ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ މުހިންމު ދާއިރާގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
.
ދުނިޔޭގެ ފެންވަރުގެ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ހަރުދަނާ ކުރަމުން އަންނައިރު، އުރީދޫ އާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ރާއްޖެއަށް ގިނަ ބަޔަކު ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް އުރީދޫން ބުންޏެވެ.