ދުނިޔެ

ސޫދާނުން ޔޫއޭއީއާ ސިޔާސީ ގުޅުން ކަނޑާލައިފި

ސޫދާންގެ އަސްކަރިއްޔާއިން ހިންގާ ސެކިޔުރިޓީ އެންޑް ޑިފެންސް ކައުންސިލުގެ ބަޔާނަކުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔުއޭއީ) އާ ސިޔާސީ ގުޅުން ކަނޑާލައިފި އެވެ.

ސޫދާންގެ އަސްކަރިއްޔާގެ ފަރާތުން ދިފާއީ ވަޒީރު ޔާސީން އިބްރާހީމް ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވީ -- ޔޫއޭއީ އަކީ ސޫދާންގެ އިސްތިގުލާލަށް ނުރައްކާ ގައުމެއް ކަމަށެވެ.

ޔޫއޭއީ އަޑީގައި އޮވެގެން ސޫދާންގެ އިދިކޮޅު ހަނގުރާމަވެރިން -- ރެޕިޑް ސަޕޯޓް ފޯސަސްއަށް އެހީތެރިވާ ކަމަށްވެސް ވަޒީރު ތުހުމަތުކުރެއްވި އެވެ.

ރެޕިޑް ސަޕޯޓް ފޯސަސް އަކީ ކުރިން ސޫދާން ސަރުކާރާ އެކު ޑީލެއްަގައި އޮތް ގުރޫޕެކެވެ. މިއީ ކުރިން އަސްކަރިއްޔާގައި މަސައްކަތްކުރި ޖެނެރަލުން އުފައްދައި -- ވެރިކަން ހޯދަން ހަނގުރާމަކުރާ ގުރޫޕެކެވެ. މި ގުރޫޕްގެ ވެރިއަކަށް ހުންނަނީ މުހައްމަދު ހަމްދާން ދަގްލޯ އެވެ.

ޔޫއޭއީގެ އަމަލުތައް ހުރީ ސޫދާނަށް އެންމެ ރަނގަޅު ގޮތުގައި ނޫން ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވެ. އަދި ޔޫއޭއީ އިން ވަކި ގޮތެއް ނިންމަންދެން، އެ ގައުމުގައި ހުންނަވާ ސުދާންގެ ސަފީރު ވެސް ވަނީ ގައުމަށް ގެނައުމަށް ނިންމާފަ އެވެ.

ސޫދާނުން ތުހުމަތުކުރާ ގޮތުގައި ޔޫއޭއީގެ ބޭނުމަކީ އެ ގައުމުގައި މިހާރު އޮތް -- އަބްދުލް ފައްތާހް އަލްބުރުހާންގެ ވެރިކަން ވައްޓާލުމެވެ. އަދި ހަނގުރާމަވެރިންނަށް ވެރިކަން ހޯދައިދިނުމެވެ.

ސޫދާނުން ވަނީ ޔޫއޭއީ ގޮވައިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ވެސް ގޮސްފަ އެވެ. ނަމަވެސް، ޔޫއޭއީ އަކީ ހަނގުރާމަވެރިންނަށް ތާއީދުކުރާ ގައުމެއްކަން ސާބިތުކޮށްދެވޭ ވަރަށް ސޫދާންއަށް ހެކިދެއްކިފައެއް ނުވެ އެވެ.

މި ސަބަބާ ހެދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ސުދާން ހުށަހެޅި ހުށަހެޅުން ވަނީ ބޭރުކޮށްލާފަ އެވެ.