ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ކުޅުނު ފޯރިގަދަ މެޗުގައި އިންޓަ މިލާނުން ބާސެލޯނާ 4-3 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ލެގު 3-3 އިން އެއްވަރުވެފައި އޮތުމުން އެގްރިގޭޓަށް ބަލާއިރު އިންޓައަށް ކުރި ލިބުނީ 7-6 އިންނެވެ.
އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި، އެޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއް ނަގައިގެންނެވެ.
އިންޓަގެ ފުރަތަމަ ގޯލު ޖެހީ 21 ވަނަ މިނިޓުގައި ޓީމުގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީއަކުން ދެވަނަ ގޯލު ޖެހީ ހަކަން ޗަނޮނޯލޫ އެވެ.
ދެވަނަ ހާފުގައި ބާސެލޯނާއިން ފަހަތުން އަރައި އެއްވަރުކުރިއެވެ. މެޗުގެ 54 ވަނަ މިނިޓުގައި ޖެރާޑް މާޓިން ނެގި ހުރަހަކުން އެރިކް ގާސިއާ ޖެހި ލަނޑާއެކު 2-1 އަށް ނަތީޖާ ބަދަލުވި އެވެ. އަދި 60 ވަނަ މިނިޓުގައި މާޓިން ނެގި ހުރަހަށް އަރައި ޑެނީ އޮލްމޯ ބޮލުން ޖެހި ލަނޑާއެކު މެޗު 2-2 އިން އެއްވަރުވި އެވެ.
މެޗުގެ 87 ވަނަ މިނިޓުގައި ބާސެލޯނާއިން ރަފީނިއާ ގޯލެއް ޖަހައި އެޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނެވެ. ނަމަވެސް އިތުރުކުރެވުނު ވަގުތުގެ ތިންވަނަ މިނިޓުގައި ފްރެންޗެސްކޯ އަޗޭބީ ޖެހި ލަނޑާއެކު އިންޓައިން އެއްވަރުކުރި އެވެ.
އިތުރު ވަގުތުގެ ދެހާފު ކުޅެން ޖެހުނުއިރު 99 ވަނަ މިނިޓުގައި ޑަވިޑޭ ފްރަޓޭސީ ޖެހި ލަނޑުން އިންޓައިން ކުރިހޯދައި، ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކުރި އެވެ. މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ބާސެލޯނާއަށް އެއްވަރުކުރަން ލިބުނު ފުރުސަތުތައް އިންޓަގެ ކީޕަރު ޔެން ސޮމާ ސަލާމަތްކޮށްދިނުމުން، މެޗު 4-3 އިން އިންޓައިން ކާމިޔާބުކުރި އެވެ.
ޗެމްޕިއަންސް ލީގުގެ ތަށި އެންމެފަހުން 2010 ވަނަ އަހަރު ހޯދި އިންޓައިން މިމަހުގެ 31 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ޕީއެސްޖީ ނުވަތަ އާސެނަލްއާ އެވެ.