އޮޕަރޭޝަން ސިންދޫރުގެ ނަމުގައި އިންޑިއާއިން ޕާކިސްތާނަށް މިސައިލް ހަމަލާަކެއް ދީފި އެވެ. ޚަބަރުތައް ބުނާ ގޮތުން ޕާކިސްތާންގެ ނުވަ ސަރަހައްދަކަށް އިންޑިއާގެ މިސައިލްތައް ވަނީ ފޯރާފަ އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނާ ގޮތުން އޮޕަރޭޝަން ސިންދޫޜުން ހަމަލާތައް އަމާޒުކުރީ މުޅިންވެސް ޓެރަރިސްޓް ސަރަހައްދުތަކަށެވެ. ޓެރަރިސްޓުންގެ ހާލަތަކާށާއި އެ މީހުންގެ ހަތިޔާރު ގުދަންތަކަށެވެ.
ނަމަވެސް، ޕާކިސްތާނުން ބުނަނީ އިންޑިއާގެ ހަމަލާތައް މަދަނީ ބިނާތަކަށް ވެސްަ ފޯރާފައިވާ ކަމަށެވެ. އަދި ދެ މިސްކިތެއް ވެސް ބިމާހަމަވެފައިވާ ކަމަށް ޕާކިސްތާންގެ އޮފިޝަލުން ވިދާޅުވި އެވެ.
އެމެރިކާގެ އޮންލައިން ނޫސް ބްލޫމްބާގުން ބުނާ ގޮތުން، ޕާކިސްތާނުން ވެސް ވަނީ ބަދަލުހިފުމުގެ ގޮތުން ރައްދު ހަމަލާތަކެއް ދީފަ އެވެ. މި ގޮތުން އިންޑިއާގެ ފަސް ފައިޓަރު ޖެޓެއް ވައްޓާލާފައި ވާނެ ކަމަށް ޕާކިސްތާންގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް އެ ނޫހަށް މައުލޫމާތުދެއްވި ކަމަށް ބްލޫމްބާގުން ބުންޏެވެ.
އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގައި 8 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެ އެވެ. އަދި 35 މީހަކު ޒަހަމްވި ކަމަށާއި ދެ މީހަކު ގެއްލިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިންޑިއާއާ ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި ހަމަލާ ބަދަލުކުރާ ހިސާބަށް ގޮސްފައި މިވަނީ، ކަޝްމީރުގެ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެންނެވެ.
ޕަހަލްގާމް އަކީ ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެކެވެ. ހަތިޔާރުއެޅި ގުރޫޕަކުން މެއި 22 ގައި މި އަވަށަށް ވަދެގަނެ ބަޑިން ހަމަލާދީ 26 މީހަކު ވަނީ މަރާފަ އެވެ.
މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ. ޚަބަރުތައް ބުނާ ގޮތުން 25 މީހުން ނިސްބަތްވަނީ އިންޑިއާ އަށެވެ. ދެން ހިމެނެނީ ނޭޕާލު މީހެކެވެ. މަރުވި 26 މީހުންނަކީ ވެސް ހުސް ފިރިހެނުންނެވެ.
އިންޑިއާ ގަބޫލުކުރާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާ ޕާކިސްތާން ސަރުކާރާ ގުޅުން އޮވެ އެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ އެޖެންޑާ ކަނޑައެޅުމުގައި ޕާކިސްތާން ސަރުކާރުގެ ކަމުވޮށިގެންވާ މީހުން ބުއްދިލައިދެ އެވެ.