ޑރ. މުހައްމަދު މުއިއްޒު

ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ހެދުމަކީ އަމާޒެއް: ރައީސް

މި ސަރުކާރުގެ ތަސައްވުރަކީ ޑިޖިޓަލް އިގްތިސާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ރާއްޖެ ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ އިފްތިތާހީ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ ހިޔާލު އުފަންވެފައިވަނީ ކުރިއަށް އޮތް ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީގެ ތެރެއިން ކަމަށެވެ.

މިއަދު އިފްތިތާޙުކުރި އިނީޝިއެޓިވްއަކީ، ޤައުމީ ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި އިތުރު ފިޔަވަޅެއް ކަމުގައިވެސް ރައީސް ގަބޫލުކުރައްވަ އެވެ.

"ދިވެހިންގެ ޝަޚްސު ބިނާވެފައިވަނީ އޯގާތެރިކަމާއި، ޢަދުލުވެރިކަމާއި، އިޖުތިމާއީ ހަމަހަމަކަން ފަދަ ދިރުންހުރި ގިޔަމުތަކުގެ މަތީގައި. މި އިނީޝިއެޓިވުން ނަގަހައްޓަން އުއްމީދުކުރާ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީވެސް އެއީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މުޖުމަތައަށް ބޭނުންވާ ތަފާތު ކަންކަން ފުއްދައިދިނުމަށް ކުރާ މަސައްކަތުގައި މަދަނީ ޖަމާއަތްތަކާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުންތަކަށް މަގުފަހިކޮށްދިނުމުގައި މިއަދު އިފްތިތާހް ކުރި އިނީޝިއެޓިވުން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ނެޝަނަލް މާސްޓަ ޕްލޭން އެންޑް ރޯޑްމެޕް ފޯ އިސްލާމިކް އިކޮނޮމީޒް އެންޑް ފައިނޭންސް އެކުލަވާލުމުގެ މަސައްކަތް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއެކު ކުރިއަށްދާކަން އިއުލާންކުރައްވާފަ އެވެ.

ދިވެހިރާއްޖޭގައި ގާއިމުކުރާ، އިސްލާމިކް ފައިނޭންސާއި ޑިޖިޓަލް އިނޮވޭޝަންގެ ޝާމިލު ވެށި، މި މާސްޓަ ޕްލޭނުން އަންގައިދޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިކަމަށް ބޭނުންވާ ގާނޫނީ އެއްބާރުލުންދިނުމުގެ ގޮތުން ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި މަރުކަޒީ ބޭންކު - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްލާމިކް ސޯޝަލް ފައިނޭންސް ދިރާސާ ރިޕޯޓުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން އެމަނިކުފާނަށް ވަނީ "ކޮމިޓްމަންޓް ލެޓަ" އަރުވާފަ އެވެ.