ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުންގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖުޑިޝަރީ ކޮމިޓީއަށް ބަދަލެއް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށްދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މައްސަލަ ދިރާސާކުރަން ފަށާފައި ވަނިކޮށް އެ ކޮމިޓީއަށް ބަދަލު ގެނެސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީއަށް ގެނައި ބަދަލުތައް އިއުލާންކުރައްވާފަ އެވެ. އެގޮތުން ޖުޑިޝަރީ ކޮމިޓީއަށް ގެނައި ބަދަލަކީ އެ ކޮމިޓީގެ އިންނެވި ޕީއެންސީގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަކިކޮށް ޕީއެންސީގެ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ކޮމިޓީއަށް ހަމަޖެއްސުމެވެ.

މި ބަދަލު ޖުޑިޝަރީ ކޮމިޓީއަށް ގެނައި ބޭނުމެއް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ބުނެފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެނައުމަކީ އާންމުކޮށް ހިނގަމުންދާ ކަމެކެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން މިދިޔަ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށް ހަމަ އެ ދުވަހު މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.