މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ކޮންމެ އަހަރަކު ބާއްވާ، ތެވެލި ކޮންފަރެންސްގައި ފުރަތަމަ ފަހަރަށް ދަރިވަރުންގެ ސިމްޕޯޒިއަމެއް ބާއްވަން ނިންމައިފި އެވެ.
އެމްއެންޔޫގެ ތެވެލި ކޮންފަރެންސާއެކު މި އަހަރު ބާއްވާ "ސްޓޫޑަންޓް ރިސާޗް ސިމްޕޯޒިއަމް" ވެގެންދާނީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ސިމްޕޯޒިއަމް އަށެވެ.
މިސިމްޕޯޒިއަމަކީ އެމްއެންޔޫގައި ބެޗެލާސް ޑިގްރީ ލެވެލްގެ ކޯސްތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ހުރިހާ ދަރިވަރުންނަށް ހާއްސަ ކޮށްގެން، ދަރިވަރުންގެ މެދުގައި ދިރާސާކޮށް، ސައިންޓިފިކް ޕޭޕަރު ލިޔުމާއި، ސައިންޓިފިކް ޕްލެޓްފޯމުތަކުގައި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ބާއްވާ ސިމްޕޯޒިއަމް އެކެވެ.
އެމްއެންޔޫ އިން ބުނި ގޮތުގައި ސްޓޫޑެންޓް ސިމްޕޯޒިއަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ތެވެލި ކޮންފަރެންސްގެ ފުރަތަމަ ދުވަހު އެވެ.
ސްޓޫޑަންޓް ރިސާޗް ސިމްޕޯޒިއަމް ތެރެއިން އަންޑަގްރެޖުއޭޓް ރިސާޗް އެކްސެލެންސް އެވޯޑް އަދި ބެސްޓް ފެކަލްޓީ އެވޯޑް ވެސް ހޮވުން އޮންނާނެ އެވެ.
ތެވެލި ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ "އިވޯލްވިން ޕެރެޑައިމްސް: މާޖިން ރިސާޗް، އެވިޑެންސް އެންޑް ޕްރެކްޓިކްސް" އެވެ.
ތެވެލި ކޮންފަރެންސް އޮންނާނީ މިއަހަރުގެ އޮގަސްޓް 18 އިން 20 އަށެވެ.