ދުނިޔެ

އެމެރިކާގެ ފައިޓަރު ޖެޓެއް އަނެއްކާވެސް ރަތް ކަނޑަށް ވެއްޓިއްޖެ

ރަތް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުގެ ސިފައިން ބޭނުންކުރާ ފައިޓަރު ޖެޓެއް، މަތިންދާބޯޓުއުފުލާ މަނަވަރަކަށް ޖައްސަން ދިޔަ މަގުމަތީގައި ކައްސާލައިގެން ކަނޑަށް ވެއްޓިއްޖެ އެވެ.

މިއީ ހޫސީންނާ ދެކޮޅަށް ރަތްކަނޑުގައި އަމަލީ ހަރަކާތްތައް ފެށިފަހުން އެމެރިކާ ސިފަިންގެ އަތުން ކަނޑަށް ވެއްޓުނު ދެވަނަ ފައިޓަރު ޖެޓެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ކަނޑަށް ވެއްޓުނު ފައިޓަރު ޖެޓުވެސް ވެއްޓިފައި ވަނީ މަތިންދާބޯޓުއުފުލާ މަނަވަރު، ޔޫއެސްއެސް ހެރީ ޓްރޫމަންއަށް ޖައްސަން އުޅުމުގެ ތެރޭގައި، މަނަވަރުގެ އަރިމަތީޣައި ޖެހިފަ އެވެ.

ފައިޓަރު ޖެޓު ކަނޑަށް ވެއްޓުނުކަން އިއުލާންކުރުމުގެ އިތުރުން ކަން ހިނގައި ދިޔަ ގޮތާ ބެހޭ އިތުރު މައުލޫމަތެއް އަސްކަރިއްޔާއިން ހާމައެއް ނުކުރެ އެވެ. އަދި ޕައިލެޓަށް ވީ ގޮތާ ބެހޭ ގޮތުން ވެސް އިތުރު ވާހަކައެއް ނުދައްކަ އެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ހަނގުރާމަވެރިން ބުނާ ގޮތުން ދެ ފައިޓަރު ޖެޓު ވެސް ވެއްޓިފައި ވަނީ އެ ޖަމާތުގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގަ އެވެ. ހޫސީންނާ ހަވާލާދީ އޮމާންގެ އޮފިޝަލުން ވެސް ވަނީ އެއީ ތެދެއް ކަމަށް ބުނެފަ އެވެ.

އޮމާންގެ ޚާރިޖާ ވުޒާރާއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން، އޮމާން މެދުވެރިކޮށް ކުރި މަޝްވަރާތަކުގައި ހޫސީން ވަނީ އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާނުދޭން ނިންމާފަ އެވެ. އޭގެ ބަދަލުގައި އެމެރިކާއިން ވެސް ވަނީ ހޫސީންނަށް ހަމަލާނުދޭނެ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުން އެމެރިކާގެ ފައުޖުތަކުން ހޫސީންނަށް ދެން ހަމަލާއެއް ނުދޭނެ އެވެ. އޭގެ ބަދަލުގައި ހޫސީން ވަނީ އެމެރިކާ އަދި ބައިވެރިންގެ އުޅަނދުފަހަރަށް ހަމަލާނުދޭން އެއްބަސްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.