ޗައިނާ އެފްޓީއޭ

ޗައިނާ އެފްޓީއޭއާ ގުޅޭ މައުލޫމާތު ސާފުކުރަން ސައީދު ކޮމިޓީއަށް

ޗައިނާ އެފްޓީއޭއާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ކޮމިޓީން މިއަދު ބައްދަލުވުމުގައި ޗައިނާގެ އެފްޓީއޭއާ ގުޅޭ މައުލޫމާތު ސާފުކޮށް، އެ އެގްރީމެންޓް ތަންފީޒުކުރުމުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ޗައިނާ އެފްޓީއޭއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓަރު ސައދާއި މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން އޭނާ ހުށަހެޅުއްވި އެވެ. މި ހުށަހެޅުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ތާއީދުކުރެއްވުމާއެކު ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

މި އެއްބަސްވުން އެކުލަވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އަދި 2017 ވަނަ އަހަރު މަޖިލީހުން އެ އެއްބަސްވުން ފާސްކޮށްފައިވެ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މި އެއްބަސްވުން ތަންފީޒުކޮށްފައެއް ނުވެ އެވެ.

މި އެއްބަސްވުމާއެކު ރާއްޖެއާއި ޗައިނާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރައްވަ އެވެ.