ޖޭއެސްސީ

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާ ގުޅުން އޮތް ހަނީފް ހައި ކޯޓުން ވަކިވަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި ބަޔާން ދެއްވާފައިވާ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް އެ މަގާމުން ވަކިވުމަށް ހުށަހަޅައިފި އެވެ.

ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމުން ވަކިވުމަށް ހަނީފް ހުށަހަޅުއްވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ހައި ކޯޓުގެ ވަޒީފާ ހަނީފް ދޫކޮށްލަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް މަގާމަކަށް ވަޑައިގަތުމަށް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް އަވަސްއަށް އެކަން ޔަގީންކުރެވިފައެއް ނުވެ އެވެ.

ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ 2022 ވަނަ އަހަރު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުއޫދު "ހުތުރު ބަހުން" ހަނީފްއާ ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައި ގައެވެ. އެ މައްސަލަ ހުށަހެޅިއިރު ސުއޫދު ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ސުޕްރީމް ކޯޓުގެ އެހެން ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުވެސް އިންނެވި ކަމަށް ފާހަަގަކޮށްފައިވާތީ މަހާޒް އާއި އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަވެސް ވަކި މައްސަލައެއްގެ ގޮތުގައި ޖޭއެސްސީ އިން ބެލި އެވެ.

ހަނީފްއާ ގުޅޭ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށުމުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ ސުއޫދުގެ މައްސަަލަ ޖޭއެސްސީން ކުރިއަކަށް ނުގެންދެ އެވެ.