ރާއްޖެއިން މި އަހަރުގެ ފުރަތަމަ ތިން މަހު މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން މާޗް މަހު ރާއްޖެއިން 21،599.4 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.
މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 14،259.9 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 7،339.5 މެޓްރިކް ޓަނު އިތުރުވުމެކެވެ.
ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.
އެ ގޮތުން މާޗް މަހުގެ ނިޔަލަށް 16،323.4 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 9،017.1 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ.
ރާއްޖެއިން މި އަހަރު 3،250.1 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 1،333 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކުރި އެވެ.