ރިޔާސީ އިންތިހާބުގައި ތެލަސީމިއާ ކުދީންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް މުއިއްޒު ވިދާޅުވީ އާބާދީގެ ނިސްބަތުން ތެލަސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.
ރާއްޖޭގެ އާބާދީގެ ކޮންމެ 18 މީހުން ކުރެ އެކަކީ ތެލަސީމިއާ ވާރުތަވުމުގެ ފުރުސަތު އޮތް ކެރިއަރެއް ކަމަށާއި އެހެންކަމުން ތެލަސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ރާއްޖޭގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ތެލަސީމިއާ ތަހައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކު ދުވާލާއި ރޭގަނޑުވެސް އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރާނެ ކަމަށާއި ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި، އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.
ފަރުވާގެ އިތުރުން އެކުދީންނާ އޯގާތެރިކޮށް މުއާމަލާތު ކުރުމާއި އުނގަންނައިދިނުމާއި އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން ސާބިތުކޮށްދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގައި ތެލަސީމިއާ ކުދީންނަށްޓަކައި އަޅުގަނޑު ހާމަކުރި ތަސައްވުރާއި، ވީ ވައުދުތައް މާތްﷲގެ ވާގިފުޅާއެކު ހަގީގަތަކަށް ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.
ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމުގައި ބޮއްސުންލާފައިވާ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މި މަސައްކަތުން ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.