މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ހުޅުވާލި އެވެ.
ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލީ އެ އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލި ނަމަވެސް އެޕްރީލް 29 ވަނަ ދުވަހުގެ އިއުލާނުގެ ދަށުން މަގާމަށް އެދުނު ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަންނުޖެހޭނެ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު ޝޯޓްލިސްޓް ކުރުމަށްފަހު ސީއެމްޑީއޭ އިން އެ ބޭފުޅުން ޝަރުތު ހަމަވޭތޯ ކަށަވަރުކުރުމުން އެ ތަނުން ބޭފުޅަކު ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެއްވުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ ފެންވަރު ނުވަތަ ޝަރުތުތައް
- ވިޔަފާރި، އިގްތިސާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވުން.
- ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.