ޗެމްޕިއަންސް ލީގް

ދެ ލެގުންވެސް އާސެނަލް ބަލިކޮށް ޕީއެސްޖީ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފްރާންސްގެ ޕީއެސްޖީ އިނގިރޭސިވިލާތުގެ އާސެނަލްގެ މައްޗަށް އެގްރިގޭޓުގެ ގޮތުން 3-1 އިން ކުރިހޯދައި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފުރަތަމަ ލެގުގައި ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުން ޕީއެސްޖީ ވަނީ 1-0 އިން ކުރި ހޯދާފަ އެވެ.

ޕެރިސްގެ ޕާރްކް ޑެ ޕްރިންސެސްގައި ރޭ ކުޅުނު ދެވަނަ ލެގުން ޕީއެސްޖީ ވަނީ 2-1 އިން އާސެނަލް މައްޗަށް އިތުރު ކުރިއެރުމެއް ހޯދާފަ އެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 27 ވަނަ މިނެޓުގައި ފަބިއަން ރުއިސް އެވެ. ފުރަތަމަ ހާފު ނިމުނުއިރު ޕީއެސްޖީ ވަނީ 1-0 އިން ލީޑު ނަގާފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއެއް އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރަޔާ ވަނީ 69 ވަނަ މިނެޓުގައި ދިފާއުކޮށްފަ އެވެ. ނަމަވެސް މޮރޮކޯގެ ތަރި އަޝްރަފް ހަކީމީ 72 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެވަނަ ގޯލު ޖެހި އެވެ. މި ގޯލަށް ފްރާންސްގެ ތަރި އުސްމާން ޑެމްބެލޭ ވަނީ މަގުފަހިކޮށްދީފަ އެވެ.

އާސެނަލަށް ލިބުނު ހަމައެކަނި ގޯލު އިނގިރޭސި ޒުވާން ތަރި ބުކަޔޯ ސަކާ ވަނީ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް މެޗު ނިމުނުއިރު ސްކޯ ބޯޑުން ދައްކާފައިވަނީ 2-1 އިން ޕީއެސްޖީ ކުރިއަށް ދިޔަ ތަނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ކުޅެން ޖެހޭނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ.