ތެލަސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
މާލޭގައި ހިންގަމުން ދިޔަ ތެލަސީމިއާ ސެންޓަރުގެ ހާލަތު ރަނގަޅު ކުރުމަށް އެ ސެންޓަރު ހުޅުމާލެ އޮރެންޖް ހިޔާ އަށް ބަދަލުކުރުމުގެ މަސައްކަތް ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިފައިންނާ ހަވާލުކުރެއްވީ މި އަހަރުގެ މާޗް މަހު އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމާ މިއަދު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޮރެންޖް ހިޔާ އިން ތެލަސީމިއާގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން ހިދުމަތް ހޯދާ ފަރާތްތައް އެތަނަށް ދަތުރުކުރުމަށް އެމްޓީސީސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.