ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.
އެކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ.
މި ރަސްމިއްޔާތުގައިި ފުލުހުންގެ އިދާރާ ހިންގުމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނާގެ އާއިލާ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ޝުޖާއު ވަނީ ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި، ޝުޖާއުއަށް ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔަމަންޓް ކާޑު ވަނީ އަރުވާފަ އެވެ.
ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ޝުޖާއު ވަނީ ތައުލީމީ ދާއިރާއަށް އަށް އަހަރު ދުވަހު ހިދުމަތް ކުރައްވާފަ އެވެ.
ފުލުހުންގެ ހިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑު ރޭންކަށް ޝުޖާއު އިސްކުރެވުނީ 2008 ވަނަ އަހަރު އެވެ.
އެއަށްފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ތެރޭގައި ލީޑަޝިޕް އަދި މެނޭޖްމަންޓް މަގާމުތައް ފުރުއްވާފައިވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޝުޖާއު އައްޔަން ކުރެއްވީ ޑިސެމްބަރު 24، 2023 ގަައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވީ މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ.