ދައުލަތަށް ދައްކަން ޖެހި ނަމަވެސް ނުދައްކާ ހުރި 600 މިލިއަނަށްވުރެ ގިނަ ރުފިޔާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދާފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.
މީރާ އިން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓަށް ބަލާއިރު އެންފޯސްމަންޓް ކަލެކްޝަންގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 619.39 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މީގެ ތެރެއިން 305.33 މިލިއަން ރުފިޔާ ހޯދީ ހަނދާންކޮށްދީގެން ކަމަށް މީރާއިން ބުނެފައިވެ އެވެ.
ގުޅައިގެން ނުވަތަ އީމެއިލް ފޮނުވައިގެން 190.44 މިލިއަން ރުފިޔާ ހޯދިއިރު ޑިއުސް ކްލިއަރެންސްގެ ގޮތުގައި 116.39 މިލިއަން ރުފިޔާ އަދި އެކައުންޓް ފްރީޒްކޮށްގެން 4.24 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މީރާ އިން ބުނީ 81 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭންގެ ފުރުސަތު ދީފައިވާ ކަމަށާއި އެ ގޮތުން 62.48 މިލިއަން ރުފިޔާ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދާފައިވާ ކަމަށެވެ.