މަސްތުވާތަކެތި

ޑްރަގު ގެނައި ބޯޓުން ދޫކޮށްލި މީހާގެ މައްސަލަ ހައިކޯޓަށް

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ބެލެވޭ ބޭރުގެ ބޯޓަކުން ހައްޔަރުކުރި މީހުންގެ ތެރެއިން މީހަކު ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހަޅައި ފިއެވެ.

މިދިޔަ މާޗު މަހު، ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ފެނުނު ބޯޓަކީ، މުތާ ޑައިމަންޑް ކިޔާ ބޯޓެކެވެ.

މި ބޯޓުން 10 މީހުން ހައްޔަރުކުރިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝީދުގެ އަމުރަށް ދޫކޮށްލީ އިންޑިއާ މީހެކެވެ.

ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކަ ނއެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ބިދޭސީ 10 މީހުންނަށް ވަކީލުން ހަމަޖައްސައިދޭން ޖެހިފައިވަނީ ދައުލަތަށެވެ. މި މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި ކުށަކީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް މައްސަލަ ތަހުގީގު ކުރި ފަރާތްތަކަށް ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ބޯޓު ދޫކޮށްލުމާއެކު އެހެން ފަޅުވެރިންތަކަކާއެކު ބޯޓުން ފުރައިގެން ގޮސްފައިވާ ކަމަށްވެސް އެނގިފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވާހަކަ ދައްކާފައެއް ނުވެ އެވެ.