ސިނަމާލެ ބްރިޖު ބޭނުންކުރާތާ ހަތް އަހަރުވީއިރުވެސް ބްރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅު ކަމަށް ޗައިނާއިިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ކޮންގް ޝިއަންހު ވިދާޅުވެއްޖެ އެވެ.
ބްރިޖުގެ އިންސްޕެކްޝަންގެ މަސައްކަތުގައި އުޅޭ ޓީމާ ބައްދަލު ކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ކޮންގް ވިދާޅުވީ ބްރިޖު ހަތް އަހަރު ބޭނުންކުރުމަށްފަހުވެސް ވަރަށް ރަނގަޅު ހާލަތެއްގައި އޮތްކަން އެނގިއްޖެ ކަމަށެވެ.
ސިނަމާލެ ބްރިޖުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 30، 2015 ގަ އެވެ. ބްރިޖު ހުޅުވީ އޮގަސްޓް 30، 2018 ގަ އެވެ.
ބްރިޖްގެ ވަނަވަރު
- ބްރިޖްގެ ވައްތަރު: ބޯޗް އާޗް
- ބޯކްގެ އަދަދު 6
- ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
- ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
- ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިނަކީ 75 ފޫޓް
- ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
- ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
- ސައިކަލަށް ދެ ލޭން
- ބްރިޖުގެ ޖުމްލަ ދިގުމިނާކީ ދެ ކިލޯމީޓަރު
- ފުޅާމިނުގައި 20.3 މީޓަރު
ޗައިނާ ސަރުކާރުން ދިން ލޯނާއި ހިލޭ އެހީގައި ހަދާފައިވާ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.