ޕާކިސްތާނަށް ދިން މިސައިލް ހަމަލާތަކަކީ ވަރަށް ވިސްނުންތެރިކަމާ އެކު ކުރިއާލައި ރާވައިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނާތު ސިންގް ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނަށް ރައްދު ހަމަލާތަކެއް ދިނުމަކީ އިންޑިއާއަށް ލިބިފައި އޮތް ހައްގެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނި ގޮތުން، ޕާކިސްތާނަށް ދިން ހުރިހާ ހަމަލާއެއް އަމާޒުކުރީ ޓެރަރިސްޓް ހާލިތަކަށެވެ. އޭގެ ތެރޭގައި މިދިޔަ މަހު 22 ގައި ކަޝްމީރުގެ ޕަހަލްގާމަށް ޓެރަރިސްޓް ހަމަލާދިން ގުރޫޕްތައް ހިމެނޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، އިންޑިއާއިން ދިން ހަމަލާތަކާ ބެހޭ ގޮތުން ޕާކިސްތާނުން ބުނަނީ، މިސައިލްތައް އަރާފައި ވަނީ މަދަނީ ބިނާތަކަށް ކަމަށެވެ. އަދި އާންމުންގެ 21 މީހަކު މަރުވެފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ރަޖްނާތު ސިންގް ވިދާޅުވި ގޮތުން އިންޑިއާގެ ހަމަލާތައް އާންމުގެ ގަޔަށް އަރާނެ ގޮތެއް ނޯންނާނެ އެވެ. އެއަށް ވުރެ ހަމަލާތައް ހުޝިޔާރުވެފައި ރޭވުންތެރި ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ދިފާއީ ވަޒީރު ވިދާޅުވި ގޮތުން އިންޑިއާ ނިސްބަތްވަނީ އިންޑިއާ މީހުންނަށެވެ. އެ ބިމުގައި ޓެރަރިސްޓް ހަމަލާތައް އުފައްދައި، މީހުން މަރާ މީހުންނަށް ހައްގު އަދަބުދޭން ޖެހޭނެ އެވެ.
އިންޑިއާއަށް ނުރައްކާކުރާ ޓެރަރިސްޓުން ރައްދު ހަމަލާދިނުމުގައި އިންޑިއާ އަކީ ހީވާގި ގައުމެއް ގޮގުގައި ދެމިއޮންނާނެ ކަމަށް ވަޒީރު ވިދާުޅުވި އެވެ.
ޕަހަލްގާމަށް ދިން ޓެރަރިސް ހަމަލާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އިސްލާމްއާބާދުން ބުނެ އެވެ. އެ ހަމަލާގެ އިންޓެލިޖެންސް ލިބިފައި ނުވާ ކަމަށްވެސް ޕާކިސްތާނުން ބުނެ އެވެ.