މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތިލަފުށީ ޕޯޓްގެ އީއައިއޭ އާއި އިތުރު ސާވޭތަކެއް ކޮށްދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި އެވެ.
ތިލަފުށީ ޕޯޓްގެ އީއައިއޭ، ޖިއޯޓެކްނިކަލް، ހައިޑްރޯ-ސާވޭ އަދި ބަތިމެޓްރީ ސާވޭ ކޮށްދޭނެ ކޮންސަލްޓެންޓް އެއް ހޯދުމަށް މިދިޔަ އެޕްރީލް މަހުވެސް އިއުލާނުކުރި އެވެ.
އެ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެމްޕީއެލް އިން ވަނީ އެ އިއުލާން ބާތިލުކޮށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފަ އެވެ.
މި މަސައްކަތުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުން މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އަގު ހުށަހަޅަން ޖެހެނީ މިމަހުގެ 27 ވަނަ ދުވަހުގެ 11:00 އަށެވެ.
މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރަން މިދިޔަ ސަރުކާރުން ނިންމި ނަމަވެސް މި ސަރުކާރުން ވަނީ އެ ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ނިންމާފަ އެވެ.