ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް

"ސެވޯރް" ޕްރޮޖެކްޓަށް 55 މިލިއަން ރުފިޔާގެ ބޮންޑް ހޯދުން ޑީއައިޕީއަށް

ފެޑޯގެ ފަރާތުން ހުޅުމާލޭގައި ޑިވެލޮޕް ކުރަމުން އަންނަ ޕްރީމިއަމް ހޮސްޕިޓައިލިޓީ "ސެވޯރ" ޕްރޮޖެކްޓަށް 55 މިލިއަން ރުފިޔާގެ ބޮންޑް ރެއިޒް ކުރުމުގެ މަސައްކަތަށް ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އައްޔަންކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް ޕްރައިވެޓް ލިމިޓެޑް (ޑީއައިޕީ) އާއި ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ އާ ދެމެދު ސޮއި ކުރެވުނު މި އެއްބަސްވުމަކީ ފެޑޯއިން ހުޅުމާލޭގައި ޑިވެލޮޕް ކުރަމުންދާ މަތީ ފެންވަރުގެ އާބަން ރިޓްރީޓް އަދި ލައުންޖް، "ސެވޯރް" ޕްރޮޖެކްޓް ނިންމުމަށްޓަކައި ބޭނުންވާ ފައިނޭންސިން ހޯދުމަށް ކެޕިޓަލް މާކެޓް މެދުވެރިކޮށް 55 މިލިއަން ރުފިޔާގެ ބޮންޑެއް ރެއިޒް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޑީއައިޕީ އައްޔަންކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޑީއައިޕީ އަކީ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ކުންފުނިތަކަށް ފަންޑް ރެއިޒް ކޮށްދިނުމާއި އިންވެސްޓްމަންޓް މެނޭޖްމަންޓް އަދި ފައިނޭންސިއަލް އެޑްވައިޒަރީ މަސައްކަތް ކުރާ ކުންފުންޏެކެވެ.

ފެޑޯ ޕްރައިވެޓް ލިމިޓެޑަކީ 2011 ވަނަ އަހަރު ދިވެހިރާއްޖޭގައި އުފެދުނު އިމާރާތްކުރުމުގެ ދާއިރާގައި ފުއްނާބުއުސް އަދި ދިވެހިންގެ މެދުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

ފެޑޯއިން ޑިވެލޮޕް ކުރާ ސެވޯރް ޕްރޮޖެކްޓްއަކީ ބައިނަލްއަގުވާމީ ފެންވަރުގެ ރެސްޓޯރަންޓްތަކާއި، ޖިމްއާއި، ޕޫލްއާއި، ކޮންފަރެންސް އަދި އިވެންޓް ހޯލްއަކާއި، އަދި އެހެނިހެން ވަސީލަތްތައް ހިމެނޭ ޕްރޮޖެޓެކެވެ.

ފެޑޯގެ މި ޕްރޮޖެކްޓަކީ ސާވިސް އަދި ހޮސްޕިޓައިލިޓީގެ ދާއިރާގައި ވިޔަފާރީ ފުޅާކުރުމަށް އޮތް ސްޓްރެޓެޖިކް ރޯޑްމެޕްގެ މުހިންމު ބައެކެވެ.

ޑީއައިޕީ އިން ބުނި ގޮތުގައި މި ޕްރޮޖެކްޓަށް ރެއިޒް ކުރާ ބޮންޑަކީ އަންސެކިއުޑް ކޮންވެންޝަނަލް ބޮންޑެއްގެ ގޮތުގައި ފަރުމާކުރެވިގެންދާނެ ބޮންޑެކެވެ.

ބޮންޑް ވިއްކުމަށް މަސައްކަތް ކުރާނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށް ކަމަށާއި މި އިންވެސްޓްމަންޓް ފުރުސަތަކީ އިންވެސްޓްކުރަން ޟައުގުވެރިވެ ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށް ޑީއައިޕީ އިން ވަނީ ބުނެފަ އެވެ.

މި ބޮންޑުގެ އިތުރުން ޑީއައިޕީ އިން ދަނީ އިތުރު ކުންފުނިތަކަކާއެކު ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް އިންވެސްޓްމަންޓްތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.