ދައުލަތް ހިންގުމުގެ ހަރަދު 8.6 ޕަސެންޓް އަދި ދަތުރުފަތުރުގެ ހަރަދު 21.8 ޕަސެންޓް ދަށްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓްގައިވާ ގޮތުން މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 13.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 12 ބިލިއަން ރުފިޔާ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 2.1 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ހުރި އޯވަރޯލް ބެލެންސް އަރަނިވެފައި ހުރި 17 ވަނަ ހަފުތާ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ހިނގާފައިވަނީ 24.3 ޕަސެންޓެވެ.
ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވައިލައިފައިވާ ސިޔާސަތުތައް މިއަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާއެކު، ދައުލަތުގެ ޖުމުލަ ހަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 ޕަސެންޓް ވަނީ ދަށްވެފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ތައް އަލުން ރިވިއުކޮށް ނަތީޖާނެރެވޭނެ ޕްރޮގްރާމްތަކަށް އިސްކަންދިނުމުގެ ސިޔާސަތާއެކު ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދު، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 75.8 ޕަސެންޓް ދަށް ކުރެވިފައިވާ ކަމަށެވެ.
ދަތުރުފަތުރުގެ ހަރަދު 21.8 ޕަސެންޓް އިން ދަށަށް ގޮސް، ހިންގުމުގެ ހަރަދު 8.6 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ހަރަދު ވަނީ 3.3 އިންސައްތަ ދަށްވެފަ އެވެ.
ހިންގުމުގެ ހަރަދު ދަށްވި ނަމަވެސް ޕޭ-ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވުމުގެ ސަބަބުން މުވައްޒަފުންގެ މުސާރައަށް ކުރި ހޭދަ ވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.5 ޕަސެންޓް އިތުރުވެފަ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 13.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.
މީގެ ތެރެއިން 78 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ.