އެކި މައްސަލަތަކުަގައި ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި ތިބި އެތައް ސަތޭކަ މީހެއްގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ އެ މީހުންގެ މައްސަލަތައް ބަލައި އަވަހަށް ނިންމައިދިނުން ކަމަށްވާތީ އެކަމަށް ބޭނުންވާ އެހީތެރިކަން ކަމާ ގުޅޭ އިދާރާތަކަށް ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި މިއަދު ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ހައްލަކީ މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށެވެ.
"މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރަށް ކޮށްދެވޭނެ ކަމަކަށް އޮތީ ޖާގައާއި ވަސީލަތްތައް ފޯރިކޮށްދިނުމުގައި އެހީތެރިވުން. ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ބަލައި، އިންސާފުވެރިކަމާއެކު އަވަހަށް ނިންމުމަކީ ޝަރުއީ ދާއިރާގެ ތެރެއިން ކުރަންޖެހޭ ކަމެއް. އެކަމުގައި ޝަރުއީ ދާއިރާއަށް ސަރުކާރުން މަގުފަހިކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ ވަގުތީ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް މުޅިން ނިމޭއިރު ޝަރުއީ ދާއިރާއަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ. އޭރުން އެތަނަށް އިތުރު ކުރެވޭ ގިނަ ކޯޓް ރޫމްތަކާ އެކު އެއްފަހަރާ ގިނަ މަސައްލަތަކެއް ބަލައި މައްސަލަތައް އަވަސްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވާނުވާ ބަންދުގައި މިވަގުތުވެސް 300 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެތެރޭގައި ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުންވެސް އެބަތިބި ކަމަށާ، ޝަރުއީ ހުކުމަކާ ނުލައި އެގޮތަށް ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިވަގުތަށް ކުރެވިދާނެ ކަންކަންވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުށުގެ ތުހުމަތުގެ ބަންދުގައި ތިބި މީހުންގެ ތެރެއިން އެންމެ މަދުވެގެން ތިންބައިކުޅަ އެއް\ބައި މީހުންނަކީ އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމެއް ނުވަތަ އެފަދަ ގޮތަކަށް މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ދޫދެވޭ މީހުންނަށް ހެދުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް މިހާރުވެސް ދިވެހި ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް އަދި ބަންޑާރަނައިބް އޮފީހާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ކުދި ކުށް ނުވަތަ ބަލިކަށި ހެކި ހުރި މީހުންގެ މައްސަލަތައް ވަކިވަކީން ބެލުމަށް ޕީޖީ އޮފީހަށް އަންގަވާފައި ވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ރާއްޖޭގައި މިހާރު އޮތީ އަގުބޮޑު ކަފާލާތުގެ ނިޒާމެއް ކަމަށާ، އެ ގާބިލުކަން ހުރި މީހުންނަށް އެ ފުރުސަތު އޮތް ކަމުގައިވީ ނަމަވެސް އެ ފުރުސަތު އޮންނަނީ ބޮޑެތި ނޫން ކުށްތަކަށް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެފަދަ ގޮތްގޮތަށް ދެވޭ ލުއިތަކުގައި ޖިންސީ ކުށުގެ ތުހުމަތުގައި، ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ތިބި ފަރާތްތަކަށް ލުއިދެވޭނެ ގޮތެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ޤާއިމުކުރުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައިވެސް ހިމެނޭ ކަމެކެވެ. ގާނޫނީ އިމުގެ ތެރެއިން ކަފާލާތު ލިބުމަށް މިވަގުތު އޮންނަނީ ހަނި ފުރުސަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި މައްސަލައަށް ފުރިހަމަ ގޮތެއްގައި ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ކުށުގެ ތުހުމަތުގައި މީހަކު ބަހައްޓާފައި ހުންނަ ތަނަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ތަނަކަށް ވާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ކުށުގެ ތުހުމަތުގައި ބައެއް މީހުން މިވަގުތު ތިބި ތަންތަނުގެ ހާލަތު ދަށްކަމަށާއި، އިންސާނީ ކަރަމާތްވެސް ހިމާޔަތް ކުރެވޭނެ ހާލަތު އެތަންތަނުގައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.
"މިއީ ވަރަށް ސީރިއަސްކަމާއެކު ބަލާނެ ކަމެއް. ކުށުގެ ތުހުމަތުގައި ބައިތިއްބާފައި ތިބޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ އުތުރުތިލަފަޅުގައި ތަރައްގީކުރާ މި ސަރަހައްދުގެ އެންމެ ބޮޑު "ކޮމްޕޮސިޓް" ޖަލުގެ މަޝްރޫއާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. މި ޖަލަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ރަނގަޅު ހާލަތެއްގައި ތަރައްގީ ކުރާނެ ޖަލެއް ކަމުގައިވެސް ވިދާޅުވި އެވެ. މިހާރު ކުރިއަށްދަނީ މިމަޝްރޫއަށް އިންވެސްޓަރުން ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށާ، މިއީ ދުރުރާސްތާ ހައްލެއް ކަމުގައިވީ ނަމަވެސް މި މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރިއަށް ގެންދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ "ވާނުވާ ބަންދު"ގެ މައްސަލަ ހައްލުކުރުމަށްޓަކައި މިކަމާ ގުޅޭ ދެ ފޯރަމެއް މިއަހަރުވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ފުރަތަމަ ފޯރަމް ހާއްސަ ކުރީ ޝަރުއީ ދާއިރާ ފިޔަވާ މިކަމުގައި ހިމެނޭ އެހެން ފަރާތްތަކަށެވެ. އަދި ދެވަނަ ފޯރަމް ކުރިއަށް ގެންދިޔައީ ޝަރުއީ ދާއިރާއަށް އަމާޒުކޮށްގެންނެވެ.