އެކި މައްސަލަތަކުަގައި ހައްޔަރުކޮށް، "ވާނުވާ ބަންދު" ގައި ތިބި މީހުންނާ ގުޅޭގޮތުން ވަކާލާތުކުރާ ބޭފުޅުން ސަރުކާރަށް އިއްޔެ ހުށަހެޅި ކަންކަމާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކުގެ އެންމެ އިސް ވެރިންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި "ވާނުވާ ބަންދު"ގައި ތިބި މީހުންނާ ގުޅޭގޮތުން ވަކާލާތުކުރާ ބޭފުޅުން ސަރުކާރަށް އިއްޔެ ލިޔުމުން ހުށަހެޅި ކަންކަމާ ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެ އެވެ. އެގޮތުން "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް އެއް ފުރުސަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިޙްސާން އާއި ބަންޑާރަނައިބް އަހްމަދު އުޝާމުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސްއާ އިއްޔެ ބައްދަލުކުރެއްވި ބޭފުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓާ ކުރެވޭނެ އިންތިޒާމެއް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުސަތު ދިނުމަށް ހުށަހަޅާފައިވެ އެވެ. އަދި އެފަދަ މީހުންގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަންވެސް އެ މީހުން ފާހަަގަކޮށްފައިވެ އެވެ. މީގެ އިތުރުން އިންސާނީ ކަރާމާތް ގެއްލޭ ފަދަ ކަންކަމަށް "ވާނުވާ ބަންދު"ގައި ތިބި މީހުން ހުށަހެޅިފައިވާ ކަމަށާއި، އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުސޫލުތައްވެސް އެބޭފުޅުން ފާހަގަކުރެއްވި އެވެ. އެގޮތުން އިހުސާންތެރިވުމަށާއި، އަދުލުވެރިކަން އިސްކުރުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާ ކަންކަންވެސް މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ފާހަގަކުރައްވާފައިވެ އެވެ.
ވާނުވާ ބަންދުގެ މައްސަލައިގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ ވާނުވާ ބަންދުގައި ތިބި އެތައް ސަތޭކަ މީހެއްގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ އެ މީހުންގެ މައްސަލަތައް ބަލައި އަވަހަށް ނިންމައިދިނުން ކަމަށްވާތީ އެކަމަށް ބޭނުންވާ އެހީތެރިކަން ކަމާ ގުޅޭ އިދާރާތަކަށް ސަރުކާރުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.